ވޯލްޑް ކަޕަށް ތައްޔާރުވުމަށް އީރާނުގެ ގައުމީ ޓީމަށް މެކްސިކޯގެ ވިސާ ހަމަޖެހިއްޖެ

ވޯލްޑް ކަޕަށް ތައްޔާރުވުމަށް އީރާނުގެ ގައުމީ ޓީމަށް މެކްސިކޯގެ ވިސާ ހަމަޖެހިއްޖެ

Author
އަހުމަދު
03 ޖޫން 2026 09:14
0

ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން، އީރާނުގެ ގައުމީ ފުޓްބޯޅަ ޓީމަށް މެކްސިކޯއަށް އެތެރެވުމުގެ ވިސާ ހަމަޖެހިއްޖެކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ތުރުކީގައި ހުންނަވާ އީރާނުގެ ސަފީރު މުޙައްމަދު ޙަސަންއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ވިސާތައް ހަމަޖެހުނީ އަންކާރާގައި ހުންނަ މެކްސިކޯގެ އެމްބަސީއާއެކު ކުރެވުނު މަޝްވަރާތަކަކަށް ފަހުގައެވެ. ކުޅުންތެރިން އެމްބަސީއަށް ހާޒިރުވެ ފިންގަރޕްރިންޓް ދޭން ނުޖެހި، އެންމެ 48 ގަޑިއިރުގެ ތެރޭގައި ފަސޭހަކަމާއެކު ވިސާގެ ކަންކަން ވަނީ ހަމަޖެހިފައެވެ.

މީގެ ކުރިން އޭޕްރީލް މަހުގެ ތެރޭގައި އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ވަފުދެއް ކެނެޑާގެ ޓޮރޮންޓޯއަށް ދިއުމުން، އެ ގައުމުގެ އިމިގްރޭޝަނުން ވަނީ އެމީހުންނާމެދު ހަރުކަށިކޮށް އަމަލުކޮށްފައެވެ. ކެނެޑާއިން 2024 ވަނަ އަހަރު އީރާނުގެ އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅާފައިވާއިރު، ފެޑެރޭޝަންގެ ރައީސް ތާޖަށް ކެނެޑާއަށް އެތެރެވުމުގެ ހުއްދަ ނުދިނީ އެ ޖަމާއަތާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށެވެ. މި ހާދިސާއާ ގުޅިގެން، އެމެރިކާގައި ކުޅޭ މެޗުތަކުގައި އީރާނުގެ އަސްކަރިއްޔާއާ ގުޅުވައިގެން ޓީމަށް އެފަދަ އިހާނެތި ގޮތެއް ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން ހޯދުމަށް އީރާނުން ވަނީ ފީފާގައި އެދިފައެވެ.

މި އަހަރުގެ ޖޫން 11 އިން ޖުލައި 19 އަށް އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ ވޯލްޑް ކަޕަށް ތައްޔާރުވުމަށް އީރާނުގެ ޓީމު މިހާރު ގެންދަނީ ތުރުކީގެ އަންޓަލިއާގައި ތަމްރީނު ހަދަމުންނެވެ. އަދި މެކްސިކޯއަށް ދިއުމަށްފަހު، މުބާރާތް ފެށެންދެން އެ ޓީމު ދެން ކޭމްޕް ކުރާނީ އެ ގައުމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.