އެމްޓީޑީސީން އައު ރިސޯޓެއް ތަރައްޤީކުރަން ތައްޔާރުވެއްޖެ

އެމްޓީޑީސީން އައު ރިސޯޓެއް ތަރައްޤީކުރަން ތައްޔާރުވެއްޖެ

Author
އަހުމަދު
03 ޖޫން 2026 03:17
0

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ވިޔަފާރި ފުޅާކޮށް އާމްދަނީ އިތުރުކުރުމުގެ ގޮތުން، އައު ރިސޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް އެ ކުންފުނިން ތައްޔާރުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ނިޔާޒު ވިދާޅުވީ، އިތުރު ރިސޯޓެއް ތަރައްޤީކުރުމަށް ސަރުކާރުން އެމްޓީޑީސީއާ ރަސްމީކޮށް ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މިއީ ކުންފުނީގެ މާލީ ހާލަތު އިތުރަށް ހަރުދަނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި، ރަށާ ގުޅޭ އިތުރު ތަފްސީލުތައް ރަސްމީކޮށް ހަވާލުކުރުމުން ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޔާޒު ފާހަގަކުރެއްވި ގޮތުގައި 2019 ވަނަ އަހަރު ކުންފުންޏަށް ކުރިމަތިވި މާލީ ދަތިތަކުން އަރައިގަނެ، އެމްޓީޑީސީއަކީ މިހާރު ހިއްސާދާރުންނަށް އެކަށީގެންވާ ނަފާއެއް ދެވޭ ފަދަ ފައިދާވާ ކުންފުންޏެކެވެ. އެގޮތުން ފާއިތުވި އަހަރަކީ ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ލިބުނު އެއް އަހަރުކަމަށާއި، ޓެކްސް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 30 މިލިޔަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ލިބިފައިވާކަމަށް ވިދާޅުވިއެވެ. މިހާރު އެ ކުންފުންޏަށް މައިގަނޑު އާމްދަނީއެއް ލިބެނީ ގދ. އަތޮޅުގައި ހިންގާ އަޔާޑާ މޯލްޑިވްސް އާއި ބ. އަތޮޅުގައި ހިންގާ އަނަންތަރާ ކިހަވަށް ރިސޯޓުންނެވެ.

ކުންފުނީގެ ހިންގުމުގެ ޚަރަދުތައް ކުޑަކޮށް މާލީ ހާލަތު ރަނގަޅުކުރަމުން އަންނައިރު، މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދަނީ ކުންފުނީގެ އައު އޮފީސް އިމާރާތާއި ހދ. ނާގޯށި ތަރައްޤީކުރުމުގެ މަޝްރޫޢެވެ. ނިޔާޒު ވިދާޅުވީ އޮފީސް އިމާރާތް ހުޅުވުމާއެކު އާމްދަނީ ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށާއި، އަލަށް ހަވާލުކުރާ ރިސޯޓުގެ އަމަލީ މަސައްކަތް ފަށާނީ ނާގޯށީގެ މަސައްކަތްތައް ނިމުމުން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.