މާލޭ ވިޔަފާރި ބަނދަރުގެ ތޮއްޖެހުމަށް ލުޔެއް ހޯދުމުގެ ގޮތުން، ތިލަފުށީގައި ބޯޓުފަހަރަށް ހުސް ކޮންޓެއިނަރު ބަރުކުރުމުގެ ފުރަތަމަ ޓްރައިލް އޮޕަރޭޝަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި އޮޕަރޭޝަންގެ ދަށުން މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ "އެމްއެސްއެސް ގަލޭނާ" ބޯޓަށް ވަނީ ޖުމްލަ 394 ޓީއީޔޫގެ ހުސް ކޮންޓެއިނަރު ބަރުކޮށްފައެވެ. އެމްޕީއެލްގެ މުވައްޒަފުން ރެޔާއި ދުވާލު ކުރި ބުރަ މަސައްކަތުން މި އޮޕަރޭޝަން އެއްކޮށް ނިންމާލާފައިވަނީ އެންމެ 20 ގަޑިއިރުގެ ތެރޭގައެވެ. މިއީ މާލޭ ބަނދަރަށް އަންނަ ބޯޓުފަހަރުން މުދާ ބޭލުމަށްފަހު، ހުސް ކޮންޓެއިނަރު އަރުވައިގެން ފުރުމަށް ނަގާ ވަގުތު ވަރަށް ބޮޑަށް ކުޑަވެ، ބަނދަރުގެ އޮޕަރޭޝަންތައް އަވަސްވެގެންދާނެ މުހިންމު ބަދަލެކެވެ.
ތިލަފުށީގައި ގާއިމުކޮށްފައިވާ "އެމްޕްޓީ ކޮންޓޭނަރ ޑީޕޯ" ގައި ހުރި 60 މީޓަރުގެ ކީ ވޯލް ބޭނުންކުރަން ފެށުމުން މާލޭ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ލުޔެއް ލިބޭނެއެވެ. ޖުމްލަ 3,000 ޓީއީޔޫގެ ކެޕޭސިޓީ ހިމެނޭ މި ފެސިލިޓީއަކީ، 2027 ވަނަ އަހަރުގެ ނޮވެންބަރު މަހު ތިލަފުށީގައި ތަރައްޤީކުރާ ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރު ހުޅުވެންދެން ބޭނުންކުރާނެ ވަގުތީ ހައްލެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި، އައު ބަނދަރުގެ ޚިދުމަތް ފެށުމާއެކު ބޯޓުފަހަރު ހުސްކުރުމަށް މިހާރު ނަގާ 7 ދުވަހުގެ މުއްދަތު 48 ގަޑިއިރަށް ކުޑަވެ، ރާއްޖެއަށް މުދާ އެތެރެކުރުމުގެ އަގު ހެޔޮވެ، އޭގެ ސީދާ ފައިދާ ރައްޔިތުންނަށް ކުރާނެއެވެ.
ކޮމެންޓު ފޮނުވާ