އީރާންގެ ލީޑަރު މުޖުތަބާ ދިރިހުރިކަން އެމެރިކާއިން ޔަގީން ކޮށްދީފި

އީރާންގެ ލީޑަރު މުޖުތަބާ ދިރިހުރިކަން އެމެރިކާއިން ޔަގީން ކޮށްދީފި

Author
އަހުމަދު
03 ޖޫން 2026 10:58
0

އެމެރިކާއާއި އިޒްރޭލުން ދިން ހަމަލާތަކަށްފަހު އީރާންގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީގެ ހަރަކާތްތެރިކަން އިތުރުވެފައިވާކަމަށާއި، އީރާނާއެކު އަވަސް މުއްދަތެއްގައި އެއްބަސްވުމަކަށް އާދެވޭނެކަމުގެ އުންމީދު އެބައޮތްކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ސެނެޓުގެ ފޮރިން ރިލޭޝަންސް ކޮމިޓީގައި ވާހަކަދައްކަވަމުން ރޫބިއޯ ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ މުހިންމު ނިންމުންތަކުގައި މުޖުތަބާ އަންނަނީ އަމަލީގޮތުން ބައިވެރިވަމުންނެވެ. އޭނާގެ ބައްޕަ، އާޔަތުﷲ އަލީ ޚާމަނާއީ ފެބްރުވަރީ މަހު އަވަހާރަވުމާ ގުޅިގެން އުމުރުން 56 އަހަރުގެ މުޖުތަބާ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އާންމުންގެ ތެރެއިން މާބޮޑަށް ފެނިފައެއް ނުވެއެވެ. އޭނާ ޒަޚަމްވިކަމަށް ޚަބަރު ފެތުރިފައިވީނަމަވެސް، މިހާރު ދައުލަތް ހިންގުމުގައި އޭނާގެ ދައުރު ބޮޑުވަމުން އަންނަކަމުގެ ނިޝާންތައް ފެންނަމުންދާކަމަށް ރޫބިއޯ ވިދާޅުވިއެވެ.

މެދުއިރުމަތީގައި ތިން މަސް ވަންދެން ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު، ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ވަނީ މަޑުޖެހިފައެވެ. އެހެންނަމަވެސް، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހަނިކުރުމަށް އެގައުމުން މިހާރު އެއްބަސްވެފައިވާތީ، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެއްބަސްވުމަކަށް އާދެވި، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ލިބުމުގެ ފުރުސަތު ބޮޑުކަމަށް ރޫބިއޯ ވިދާޅުވިއެވެ. މީގެ ކުރިން އީރާނުން ދެކޮޅުހެދި ނިއުކްލިއާ މައްސަލަތަކުގައިވެސް މިހާރު ދޫދީ، ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލުން ނުވަތަ މަދުކުރުމާމެދު މަޝްވަރާކުރަން ވަނީ ފަށާފައެވެ.

މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން މުހިންމު ވިޔަފާރި މަގެއްކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލައި، އުޅަނދުތަކުން ފީ ނެގުމާއި ހަމަލާދިނުން އީރާނުން ހުއްޓާލަން ޖެހޭނެކަން އެމެރިކާއިން ވަނީ ޝަރުތުކޮށްފައެވެ. އަދި އެ ސަރަހައްދުގައި އީރާނުން ވަޅުލާފައިވާ މައިންތައް ނެގުމުގައި އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަންވެސް ރޫބިއޯ ވަނީ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.