ހުކުރު ދުވަހާ ހަމައަށް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައިފިއެވެ.
މެޓް އޮފީހުން މަޢުލޫމާތު ދެއްވާގޮތުގައި، މި ދުވަސްވަރު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ދެކުނުގެ ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި މުޅި ރާއްޖެއަށްވެސް ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ. އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތަކުގެ ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ހުންނާނެކަމަށާއި، ދެކުނުގެ ކަނޑުތަކުގައި 3 ފޫޓާއި 6 ފޫޓާ ދެމެދުގެ އުސްމިނެއްގައި ރާޅު ހުންނާނެކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، ޚާއްޞަކޮށް ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ސެޓެލައިޓް ފޮޓޯތަކުން ދައްކައެވެ. ފާއިތުވި 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ ފ. ނިލަންދޫއަށެވެ. އެރަށަށް 19.2 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ފ. ބިލެއްދޫއަށާއި ޅ. އޮޅުވެލިފުއްޓަށްވެސް ވަނީ ބޯކޮށް ވާރޭވެހިފައެވެ.
ޢީދު ބަންދަށްފަހު ގިނަ ބަޔަކު އެނބުރި ރަށްރަށަށް ދަތުރުކުރާ ދުވަސްވަރަކަށްވުމާއެކު، ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ. މިހާރު މޫސުން ގޯސްވި ނަމަވެސް، އަންނަ ހުކުރު ދުވަހުން ފެށިގެން މުޅި ރާއްޖެއަށްވެސް މޫސުން ރަނގަޅުވާން ފަށާނެކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ.
ކޮމެންޓު ފޮނުވާ