ބަލިމީހާގެ ހާލަތަށާއި ފަރުވާ ހޯދުމުގައި ހުރި ދަތިތަކަށް ރިއާޔަތްކޮށް، ރާއްޖެއިން ލިބެން ހުންނަ ފަރުވާތައް ހޯދުމަށް ވެސް އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ދެވޭ ގޮތަށް އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދަށް ސަރުކާރުން ބަދަލު ގެނެސްފިއެވެ.
މީގެ ކުރިން އާސަންދަ މެދުވެރިކޮށް ބޭރަށް ފޮނުވަމުން އައީ ހަމައެކަނި ރާއްޖެއިން ކުރެވެން ނެތް ފަރުވާތަކަށެވެ. ނަމަވެސް އާންމުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އަލަށް ގެނައި އިސްލާހާއެކު، ބަލީގެ ބާވަތާއި، ބަލިމީހާގެ ސިއްހީ އަދި އިޖުތިމާއީ ހާލަތުގެ އިތުރުން ރާއްޖެއިން ފަރުވާ ހޯދުމުގައި ހުރި ދަތިތަކަށް ބަލައި، ބޭރަށް ފޮނުވުމުގެ ހުއްދަ ދެވޭނެއެވެ.
މި ބަދަލާއެކު އާސަންދައިގެ އެހީތެރިކަން ވަނީ އިތުރަށް ފުޅާކޮށްފައެވެ. އެގޮތުން، އިތުރު ފަރުވާއެއް ދެވެން ނެތްކަމަށް ޚާއްޞަ ޑޮކްޓަރުން ލަފާދޭ ހާލަތްތަކުގައި، މާލެއިން ނުވަތަ ރާއްޖެއިން ބޭރުން ބަލިމީހާ އެނބުރި ރަށަށް ދިއުމަށް ހިނގާ ހަރަދުތައް ވެސް މިހާރު އާސަންދައިން ހަމަޖައްސައިދޭނެއެވެ. މީގެ އިތުރުން، ކުރިން އެންސްޕާގެ ބަޖެޓުން ހަމަޖައްސަމުން އައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އަޑުއިވޭ މެޝިނާއި ފުރޮޅުލީ ގޮނޑި ފަދަ އާލާތްތައް ވެސް ސީދާ އާސަންދަ ސްކީމްގެ ތެރެއިން ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.
މި މުހިންމު އިސްލާހުތަކުގެ ސަބަބުން، އެންސްޕާ މެދުވެރިކޮށް މާލީ އެހީ ހޯދުމަށް އާންމުން ކުރަންޖެހޭ ދިގު އިންތިޒާރަށް ނިމުމެއް އައިސް، ބަލިމީހުންނަށް ފަސޭހަކަމާއެކު އަވަހަށް ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.
ކޮމެންޓު ފޮނުވާ