ށ. މިލަންދޫގައި ފައިބަރުގެ މަސައްކަތްކުރާ ތަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި އެތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި، އާދަމްކޮއިބޭ ފައިބަރު މަސައްކަތަށް ދޯނި އަޅާ ސަރަހައްދުގައި ހުރި މި ތަނުގައި އަލިފާން ރޯވިކަމުގެ ރިޕޯޓު ލިބިފައިވަނީ ޖޫން 1 ވަނަ ދުވަހުގެ ރޭ 23:09 ހާއިރުއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އެތަނުގައި ހުރި ތިން ޑިންގީއަކާއި، ޑިންގީ ބަންނަން ގެންގުޅޭ ތައްގަނޑުތަކެއްގެ އިތުރުން ފައިބަރުގެ ގިނަ ސާމާނުތަކެއް ވަނީ އަނދާފައެވެ. އަދި ޓިނުން ހަދާފައިވާ އެ އިމާރާތަށްވެސް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.
ރަށުގެ އާންމު ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރި ބުރަ މަސައްކަތުން މި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ދަންވަރު 01:00 ހާއިރުއެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެތަނުގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވާއިރު، ގިނަ އަދަދެއްގެ އާންމުން ވަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައެވެ. މި ހާދިސާގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ކަށަވަރުވެފައި ނުވާއިރު، ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ