ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފެށުމަށްފަހު، ކުރިއަށް އޮތް ހަފުތާއަށް މަޖިލީހުގެ މަސައްކަތްތައް މެދުކަނޑާލައިފިއެވެ.
މި ދައުރުގެ ފުރަތަމަ ޖަލްސާ އިއްޔެ ބާއްވާފައިވާއިރު، އެ ޖަލްސާގައި މައިގަނޑު ކަމަކަށް ކުރިއަށްގެންދިޔައީ މަޖިލީހުގެ އާ ނައިބު ރައީސަކު އައްޔަންކުރުމުގެ މަސައްކަތެވެ. އެގޮތުން ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައި، މެންބަރުންގެ މެދުގައި ނެގުނު ވޯޓުން އެ މަގާމަށް އިންތިޚާބުކޮށްފައިވަނީ އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމެވެ.
އިއްޔެގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ، ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ހެނދުނު 9:00 ގައި ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ޖަލްސާތައް މިވަނީ އެއް ހަފުތާއަށް މެދުކެނޑިފައެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. އާންމު އުސޫލުން ފުރަތަމަ ދައުރުގެ ޖަލްސާތައް މެއި މަހުގެ 15 އަށް ނިމޭނެ ނަމަވެސް، ކުރިން ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމުގެ މައްސަލައަކާ ގުޅިގެން ފުރަތަމަ ދައުރު ވަނީ މިދިޔަ މަހުގެ ނިޔަލަށް ދަންމާލާފައެވެ. ނަމަވެސް، ނާޒިމު މަގާމުން ވަކިކުރުމަށް ތާވަލްކުރި ޖަލްސާ ފެށުމުގެ ބައިގަޑިއިރު ކުރިން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ