އެންސްޕާގެ ބޭސްފަރުވާގެ އެހީތައް އާސަންދައިގެ ދަށަށް ބަދަލުކޮށް، ޚިދުމަތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް

އެންސްޕާގެ ބޭސްފަރުވާގެ އެހީތައް އާސަންދައިގެ ދަށަށް ބަދަލުކޮށް، ޚިދުމަތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް

Author
އަހުމަދު
01 ޖޫން 2026 04:38
0

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދެމުންގެންދިޔަ ބޭސްފަރުވާގެ އެހީގެ ޚިދުމަތްތައް އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކޮށް، އެހީއަށް އެދޭ އުސޫލުތައް މިއަދު ލުއިފަސޭހަކޮށްފިއެވެ.

މި ބަދަލާއެކު، މީގެ ކުރިން ބޭނުންކުރަމުން އައި "ވިރަ ފޯމް" ހުއްޓާލައި، އެންސްޕާގެ 16 ޚިދުމަތަކަށް އެދުން މިހާރު ވަނީ "މައި އާސަންދަ" ޕޯޓަލްއަށް ބަދަލުކޮށްފައެވެ. މީގެ ސަބަބުން އާސަންދަ އަދި އެންސްޕާގެ ވެލްފެއާ ސްކީމްގެ ދަށުން ލިބޭ އެހީތަކަށް އެއް ފުރާޅެއްގެ ދަށުން އެދުމުގެ މަގު ފަހިވެ، ރައްޔިތުންނަށް ޚިދުމަތް ހޯދުމުގައި ހިނގާ އިދާރީ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

އާ އުސޫލުގެ ދަށުން އާސަންދަ ސްކީމްގެ ޚިދުމަތްތައް ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. އެގޮތުން، މެޑިކަލް އިވެކުއޭޝަންގައި ގެންނަ މީހުންނަށް އެނބުރި ރަށަށް ދިއުމުގެ ޓިކެޓް ހަމަޖައްސައިދިނުމާއި، ރާއްޖެއިން ބޭރުން ފަރުވާ ހޯދާ ފަރާތްތަކަށް ބޭނުންވާ ތިންވަނަ ޓިކެޓާއި ދެވަނަ އެސްކޯޓުގެ ޓިކެޓް ބަލިމީހާގެ ހާލަތަށް ބަލައި ދޫކުރުން ހިމެނެއެވެ. މީގެ އިތުރުން، ކެންސަރާއި ގޯޝާ ފަދަ ބޮޑެތި ބަލިތަކަށް ބޭނުންވާ ބޭސްތައް އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނުމާއި، ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް "މެރަނަ" ސްކީމްގެ ތެރެއިން އެމަޖެންސީ ހާލަތްތަކުގައި ފަރުވާ ލިބޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފައެވެ.

ހަމައެހެންމެ، ކުރިން އާސަންދައިން ކަވަރު ނުކުރާ ބައެއް ޓެސްޓްތަކާއި މެޑިކަލް ޑިވައިސްތަކުގެ އިތުރުން ތެލަސީމިއާ ކުދިންގެ ބޯންމެރޯ ފޮލޯއަޕްތަކަށް ވެސް މިހާރު އެހީ ލިބޭނެއެވެ. އަދި ރާއްޖެއިން ފަރުވާ ލިބެން ހުރި ނަމަވެސް، ބަލިމީހާގެ ހާލަތާއި ފަރުވާ ހޯދުމުގައި ހުރި ދަތިތަކަށް ބަލައި ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިޚްތިޔާރު ވެސް އާސަންދައަށް ވަނީ ދީފައެވެ.

މި ބަދަލުތަކާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށާއި ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާނަމަ އާސަންދައިގެ ހޮޓްލައިން 1400 އަށް ގުޅުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ. މިއީ ދައުލަތުން ބޭސްފަރުވާއަށް ކުރާ ހޭދައިގެ ތެރެއިން ރައްޔިތުންނަށް ބޭސް ނުލިބޭ މައްސަލައަށް ހައްލެއް ހޯދައިދީ، ޚިދުމަތްތައް އަވަސްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.