ފާއިތުވި 24 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި ބިން ހިއްކާފައިވާ މިންވަރު، ޔޫރަޕާއި އެފްރިކާ ބައްރު އެއްކޮށްލުމުން ހިއްކާފައިވާ ޖުމްލަ މިންވަރަށް ވުރެ ވެސް އިތުރުކަން ފަހުގެ ދިރާސާއަކުން ހާމަވެއްޖެއެވެ.
"ލޭންޑް ރިކްލެމޭޝަން އިން ދަ މޯލްޑިވްސް: ޓްރެންޑްސް އެންޑް އިމްޕެކްޓްސް ފްރޮމް 2000 ޓު 2024″ ގެ ނަމުގައި ހުސައިން ޒިޔަތު، އީޑަން ރިގޯ އަދި ފާތިމަތު ޝަންނާ ކުރެއްވި މި ތަފްސީލީ ދިރާސާއިން ދައްކާ ގޮތުގައި، 2000 ވަނަ އަހަރުން ފެށިގެން 2024 އާ ހަމައަށް ރާއްޖޭގެ މީހުން ދިރިއުޅޭ 69 ރަށެއްގައި 109 މަޝްރޫއު ހިންގައި، 4,000 އަށްވުރެ ގިނަ ހެކްޓަރުގެ ބިން ވަނީ އަލަށް އިތުރުކޮށްފައެވެ. މީގެ ތެރެއިން 71 އިންސައްތަ ބިން މެދު ރާއްޖެތެރޭގައި ހިއްކާފައިވާއިރު، ގިނަ ޕާޓީ އެކުލެވޭ ނިޒާމަށް އަމަލުކުރަން ފެށިފަހުން ބިން ހިއްކުން ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން އެންމެ ގިނަ މަޝްރޫއުތައް ފަށާފައިވަނީ 25 މަޝްރޫއާއެކު 2023 ވަނަ އަހަރުގައެވެ.
ހަރުދަނާ ގައުމީ ޕްލޭނެއް ނެތި ކުރިއަށްގެންދާ މިފަދަ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ގައުމަށް ގިނަ މައްސަލަތަކަކާ ކުރިމަތިލާންޖެހޭކަން ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، މާލެ ސަރަހައްދަށް ގިނަ ބަޔަކު ހިޖުރަކުރަމުންދާ ދަނޑިވަޅެއްގައި، އާބާދީ މަދު ރަށްރަށުގައި ބޮޑެތި ބިންތައް ހިއްކުމާއި، އެއް އަތޮޅެއްގައި ތަކުރާރުކޮށް ބޮޑެތި އުމްރާނީ ވަސީލަތްތައް ގާއިމުކުރުމުގެ ސަބަބުން އިގުތިސާދީ ގޮތުން ބޮޑެތި އިސްރާފުތަކެއް ވަމުންދާކަން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، ރަށުގެ ގުދުރަތީ ބައްޓަމާއި ވެށީގެ ހާލަތަށް ނުބަލައި ބިން ހިއްކުމުގެ ސަބަބުން ރަށް ގިރުމާއި ފެންބޮޑުވުމުގެ މައްސަލަތައް އިތުރުވެ، ރާއްޖޭގެ ނާޒުކު ތިމާވެއްޓާއި ގުދުރަތީ ދިފާއީ ނިޒާމު ކަމަށްވާ ފަރުތަކަށް އިއާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
މި ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، ބިން ކުޑަ ގައުމަކަށް ބިން ހިއްކުމަކީ މުހިންމު ކަމަކަށް ވީނަމަވެސް، އެކަން ކުރަންވާނީ ހަރުދަނާ ގަވާއިދުތަކެއްގެ މަތިންކަމަށް ދިރާސާކުރި ފަރާތްތަކުން ލަފާދެއެވެ. އަދި މި މައްސަލަތައް ހައްލުކުރުމަށްޓަކައި، ސަރުކާރުން އެކުލަވާލާ ގައުމީ ތަރައްގީގެ މާސްޓާޕްލޭންގެ ތެރެއިން، ބިން ހިއްކުމުގެ ސިޔާސަތުތައް ގައުމުގެ އާބާދީއާއި، ތިމާވެށީގެ އިތުރުން އިގުތިސޯދާ ގުޅޭގޮތަށް ބައްޓަންކުރުމަށް މި ދިރާސާގައި ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ