ޑަބްލިއުއެޗްއޯގެ ލަފަޔާއެކު ދުންފަތުގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރަނީ

ޑަބްލިއުއެޗްއޯގެ ލަފަޔާއެކު ދުންފަތުގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރަނީ

Author
އަހުމަދު
31 މެއި 2026 08:20
0

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ، ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ލަފަޔާއެކު 4 ރުފިޔާއަށް ކުޑަކުރުމަށް ސަރުކާރުން ވިސްނަމުންދާކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ދުވަހާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކުރިން ޑިއުޓީ 3.50 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކުރީ ވޭޕް މަނާކުރުމުން ގިނަ ބަޔަކު ސިނގިރޭޓަށް އެނބުރިދާނެކަމަށް ދިރާސާތަކުންނާއި ތަޖުރިބާކާރުންގެ ލަފައިން ދެއްކުމުން ކަމަށެވެ. އެއީ ސަރުކާރުން ނިންމި ވަރަށް އުނދަގޫ ނިންމުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، ޑަބްލިއުއެޗްއޯއިން ދިރާސާކުރުމަށްފަހު ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް މިހާރު ރާއްޖެއަށް ލަފާދީފައިވާތީ، ކަމާބެހޭ ހުރިހާ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު އެންމެންނަށް އެއްބަސްވެވޭނަމަ އެ ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަމަށް އިޙްސާން ވިދާޅުވިއެވެ. އަދި މިފަދަ ބަދަލުތައް ގެންނާނީ ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ފަންނީ މާހިރުންގެ ލަފާގެ މަތިންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހު ޑިއުޓީ ބޮޑުކުރުމާ ގުޅިގެން 110 ރުފިޔާއަށް ލިބެމުންދިޔަ ސިނގިރޭޓު ފޮއްޓެއްގެ އަގު ވަނީ 250 ރުފިޔާއަށް އުފުލިފައެވެ. މީގެ ސަބަބުން އާންމު ވިޔަފާރިތަކުގައި ސިނގިރޭޓުގެ ވިޔަފާރި ދަށްވި ނަމަވެސް، އަމިއްލައަށް ސިނގިރޭޓު އޮޅައިގެން ބުއިމާއި، ވަގަށް ސިނގިރޭޓު އެތެރެކުރުން ފަދަ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. ޑިއުޓީއަށް ގެންނަން ވިސްނާ މި އައު ބަދަލާއެކު ކަޅު ބާޒާރުގެ މައްސަލަތަކަށް ޙައްލެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.