ރާއްޖޭގެ ދެކުނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީއާއި ގދ. މަޑަވެއްޔަށް އެކިވަރުގެ ގެއްލުންތައް ލިބި، އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ރޭ އައްޑޫ ސިޓީއަށް ކުރި ގަދަ ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން ހިތަދޫގެ ދެ ގެއެއް ކަމަށްވާ ހުޅުދުއާގޭގެ އާއި އޯކަމްލިވާގޭގެ ފުރާޅު ވަނީ އެއްލާލާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، އެ ގޭގޭގެ ފުރާޅު މަރާމާތު ކުރުމުގެ މަސައްކަތް ކައުންސިލުން މިހާރު ދަނީ ކުރަމުންނެވެ. އަދި މި އާއިލާތަކަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މީގެ އިތުރުން އައްޑޫ ފޭދޫއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ރޭ ފަތިހު 3:45 އިން ފެށިގެން މިއަދު ހެނދުނު 10:10 ވަންދެން އެމްއެންޑީއެފް ހިތަދޫ ފަޔަރ ސްޓޭޝަނުން ވަނީ ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކޮށްފައެވެ. މިހާރު އެ ރަށުގެ މަގުތަކުން ފެން ހިއްކައި ވަނީ އާންމު ހާލަތަކަށް ގެނެވިފައެވެ.
އައްޑޫ ސިޓީގެ އިތުރުން ގދ. މަޑަވެއްޔަށްވެސް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ރަށުތެރޭގައި ފެންބޮޑުވެގެން އެމްއެންޑީއެފް ތިނަދޫ ފަޔަރ ސްޓޭޝަނުން ވަނީ ހަރަކާތްތެރިވެފައެވެ. އެގޮތުން މިއަދު ހެނދުނު 9:40 ހާއިރު ވަންދެން އެ ރަށުގެ މަގުތަކުން ޕަމްޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ސިފައިން ކޮށްފައިވެއެވެ.
ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައިވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ވަރަށް ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ކޮމެންޓު ފޮނުވާ