ސަރުކާރު ކުންފުނިތަކުން ދައުލަތަށް ލިބުނު ފައިދާ ވަރަށް ބޮޑަށް ދަށްވެއްޖެ

ސަރުކާރު ކުންފުނިތަކުން ދައުލަތަށް ލިބުނު ފައިދާ ވަރަށް ބޮޑަށް ދަށްވެއްޖެ

Author
އަހުމަދު
30 މެއި 2026 09:44
0

މި އަހަރުގެ މިހާތަނަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން (އެސްއޯއީތަކުން) ދައުލަތަށް ޑިވިޑެންޑްގެ ގޮތުގައި ލިބުނީ 160 މިލިއަން ރުފިޔާ ކަމަށާއި، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 36 ޕަސެންޓުގެ ދަށްވުމެއް ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ޑިވިޑެންޑުގެ ގޮތުގައި 552 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، މިހާތަނަށް ލިބިފައިވަނީ އޭގެ އެންމެ 30 ޕަސެންޓެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޑިވިޑެންޑުގެ ގޮތުގައި 258 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މި އާމްދަނީ ދަށްވި މައިގަނޑު ސަބަބަކީ ކުންފުނިތަކަށް ލިބުނު ފައިދާ ކުޑަވުމެވެ. މިއީ ފަހުގެ ތާރީޚެއްގައި އެސްއޯއީތަކުން ދައުލަތަށް ވަންނަ އާމްދަނީ މިހާ ބޮޑަށް ވެއްޓުނު ފަހަރެވެ. މީގެ ކުރީ އަހަރުތަކުގައި މި އަދަދު އުޅުނީ 823 މިލިއަން އަދި 1.1 ބިލިއަން ރުފިޔާގަ އެވެ.

ސަރުކާރު ހިއްސާވާ 30 ކުންފުނި އޮތް ނަމަވެސް، މި އަހަރު ޑިވިޑެންޑް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ އެންމެ ހަ ކުންފުންޏަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދިރާގު، ބީއެމްއެލް، އެމްއޭސީއެލް، އެމްޑަބްލިއުއެސްސީ، އެޗްޑީސީ އަދި އެމްޕީއެލް އެވެ. މީގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 262 މިލިއަން ރުފިޔާއާއެކު ދިރާގުންނެވެ. އަދި ދެވަނައަށް އެންމެ ގިނައިން ލިބޭނެ ކަމަށް ލަފާކުރާ ބީއެމްއެލް އިން 154 މިލިއަން ރުފިޔާ ބަޖެޓަށް ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. މިދިޔަ އަހަރު ޑިވިޑެންޑް ދައްކާފައިވަނީ ހަމައެކަނި ދިރާގާއި ބީއެމްއެލް އަދި އެޗްޑީސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.