ރާއްޖޭގެ ކަނޑުދަތުރުފަތުރަށް އިންގިލާބެއް: 100 އީވީ ހައިޑްރޯފޮއިލް ލޯންޗު ގެންނަނީ!

ރާއްޖޭގެ ކަނޑުދަތުރުފަތުރަށް އިންގިލާބެއް: 100 އީވީ ހައިޑްރޯފޮއިލް ލޯންޗު ގެންނަނީ!

Author
އަހުމަދު
29 މެއި 2026 09:42
1

އެމެރިކާގެ ނޭވިއާ ކުންފުންޏާއި ރާއްޖޭގެ ޖޭއައިއެޗް ގްލޯބަލް ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ހައިޑްރޯފޮއިލް އުޅަނދުތަކެއް ތައާރަފުކުރުމަށް ތައްޔާރުވެއްޖެއެވެ.

ވޯލްސްޓްރީޓް ޖާނަލްގައި ރިޕޯޓުކޮށްފައިވާ ގޮތުން، މި ދެ ކުންފުނީގެ ދެމެދުގައި ވެވުނު 100 މިލިއަން ޑޮލަރުގެ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ތިން އަހަރު ތެރޭގައި 100 އުޅަނދުގެ ފްލީޓެއް ރާއްޖެއަށް ގެންނާނެއެވެ. އަދި މި އަހަރުގެ ތެރޭގައި ފުރަތަމަ ފަސް ލޯންޗު ރާއްޖެ ގެނައުމަށް ވަނީ ތާވަލުކުރެވިފައެވެ. ޖޭއައިއެޗް ގްލޯބަލްގެ ފަރާތުން މި މަޝްރޫއުގައި އިސްކޮށް ހަރަކާތްތެރިވަނީ އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު އާއި އޭނާގެ ދަރިކަލުން ނޫރެއިން ޖަނާހު އަދި އަހުމަދު ޖާސިމް ޖަނާހުއެވެ. މި ނެޓްވޯކް ފަރުމާކޮށްފައިވަނީ ރާއްޖޭގެ އެއާޕޯޓްތަކާއި ރިސޯޓްތަކުގެ އިތުރުން މީހުން ދިރިއުޅޭ ރަށްތައްވެސް ގުޅުވާލަދޭ ގޮތަށެވެ.

މި މަޝްރޫއަކީ ރާއްޖޭގައި މިހާރު އާންމުކޮށް ބޭނުންކުރާ ޑީސަލް އުޅަނދުތަކުގެ ބަދަލުގައި އީވީ ޓެކްނޮލޮޖީއަށް ބަދަލުވުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެކެވެ. ނޭވިއާއިން ރާއްޖެއަށް ފުރަތަމަ ގެންނަނީ 30 ފޫޓުގެ "އެން 30 ޕައިނިއާ" މޮޑެލްގެ ލޯންޗުތަކެކެވެ. ކެޕްޓަނާއެކު 8 މީހުންނަށް ދަތުރުކުރެވޭ މި އުޅަނދުތަކަކީ ފެނުގެ އަޑީގައި ހަރުކޮށްފައިވާ ޑިވައިސްއެއްގެ އެހީގައި ފެނުން މައްޗަށް އުފުލިގެން ދުއްވާ އުޅަނދުތަކަކަށް ވުމުން، ރާޅާޖެހުން ކުޑަވެ، ހަކަތަ ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް މަދުވެގެންދާނެއެވެ. އަދި މީގެ ސަބަބުން ދަތުރުވެރިންނަށް ކަނޑުމަތީގެ އުނދަގޫތަކުން ސަލާމަތްވެ، އަރާމު ދަތުރެއް ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ނޭވިއާގެ ސީއީއޯ ސަމްޕްރިތީ ބަޓަޗާރިއާ ހާމަކުރެއްވި ގޮތުގައި، މި އުޅަނދުތައް ފުރަތަމަ އަމާޒުކުރާނީ ލަގްޒަރީ ރިސޯޓުތަކަށާއި ވީއައިޕީ ދަތުރުތަކަށެވެ. ފުރަތަމަ ގެންނަ ބޯޓުތައް ޗާޖުކުރުމަށް މެރީނާތަކުގައި ހުންނަ ޝޯ-ޕަވަރު ބޭނުންކުރި ނަމަވެސް، ފަހުން ޓެސްލާގެ ސްޓޭންޑަޑްތަކާ އެއްގޮތަށް ފާސްޓް ޗާޖިން ނިޒާމުތައް ގާއިމުކުރެވޭނެއެވެ. މީގެ އިތުރުން ޗާޖިން ސްޓޭޝަންތައް މަދު ސަރަހައްދުތަކަށް ހާއްސަކޮށްގެން 2027 ވަނަ އަހަރު ޑީސަލް-ހައިބްރިޑް ބޯޓުތައްވެސް ތައާރަފުކުރުމަށް އެ ކުންފުނިން ވަނީ ރާވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.