ދަނގެތީގެ ވިޔަފާރިވެރިޔާ މަޙްމޫދު އަބޫބަކުރު މަރާލި މައްސަލައިގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހް އަލޮމް މިއާގެ މައްޗަށް އިއްވާފައިވާ މަރުގެ ޙުކުމް ދެމެހެއްޓުމަށް ހައިކޯޓުން ކުރި ޙުކުމްގެ ސައްޙަކަން ކަށަވަރުކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މަރުގެ ޙުކުމްތައް ތަންފީޒުކުރުމުގެ ކުރިން އެއީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރުމަށް މަތީ ކޯޓުތަކަށް ހުށަހަޅަން ޖެހެއެވެ. އެހެންކަމުން ދައުލަތުން މިހާރު ވަނީ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.
ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ވަނީ ޝާހް އަލޮމްގެ މައްޗަށް އިއްވާފައިވާ މަރުގެ ޙުކުމް ދަމަހައްޓާފައެވެ. ރައުޔު ތަފާތުވި ފަނޑިޔާރު ޙަސަން ޝަފީޢު ފާހަގަކުރެއްވި ގޮތުގައި ޝާހް އަލޮމްއަށް އޭނާގެ ޤާނޫނީ ޙައްޤުތައް އަންގައިދީފައިވާކަން ކަށަވަރުކުރެވޭނެ ހެއްކެއް ނެތުމުން، އިޢުތިރާފުގެ ސައްޙަކަމާމެދު ސުވާލު އުފެދެއެވެ.
ނަމަވެސް ފަނޑިޔާރު މުޙައްމަދު ނިޔާޒް އަދި ފަނޑިޔާރު ފާތިމަތު ފަރްހީޒާ ވަނީ ތަރުޖަމާނެއްގެ އެހީގައި އޭނާއަށް ޙައްޤުތައް އަންގައިދީފައިވާ ކަމަށާއި، އިޖުރާއީ ގޮތުން ޝާހް އަލޮމްއަށް އަނިޔާވެރިވާ ފަދަ ގޯހެއް ހަދާފައި ނުވާކަމަށް ކަނޑައަޅުއްވާފައެވެ. އަދި އޭނާގެ އިޢުތިރާފަކީ ސައްޙަ އިޢުތިރާފެއްކަމަށް ކަނޑައަޅުއްވައި ދަށު ކޯޓުގެ މަރުގެ ޙުކުމް ވަނީ ދަމަހައްޓަވާފައެވެ.
ޝާހް އަލޮމް ވަނީ މަޙްމޫދަށް ޙަމަލާދީ މަރާލި ގޮތުގެ ރަޙުމްކުޑަ ތަފްސީލުތައް ކިޔައިދީފައެވެ. އޭނާ ބުނިގޮތުގައި މަޙްމޫދު މަރާލާފައިވަނީ ފައިސާގެ ދަހިވެތިކަމުގައެވެ. އަދި އޭނާ ވަނީ މި މައްސަލައިގައި 4 ފަހަރެއްގެ މަތިން ކުށަށް އިޢުތިރާފުވެފައެވެ.
ކޮމެންޓު ފޮނުވާ