އީދު ފާހަގަކުރާއިރު އިސްލާމީ އުސޫލުތަކުގައި ހިފަހައްޓަވަން ރައީސް އިލްތިމާސް ކުރައްވައިފި

އީދު ފާހަގަކުރާއިރު އިސްލާމީ އުސޫލުތަކުގައި ހިފަހައްޓަވަން ރައީސް އިލްތިމާސް ކުރައްވައިފި

Author
އަހުމަދު
27 މެއި 2026 01:20
0

އީދުގެ ތަހުނިޔާ ފޮނުއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ހިތޯބެއްގައި، ދިވެހި ރައްޔިތުންނަށް އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓައި، ދިވެހިންގެ އާދަކާދައާ ނުގުޅޭ ކަންތައްތަކުން ދުރުހެލިވުުމަށް ގޮވާލައްވައިފި އެވެ.

ރައީސްގެ ހިތޯބުގައި ވިދާޅުވި ގޮތުގައި، އަޟްހާ އީދަކީ މުޅި މުސްލިމް އުންމަތް އެއް ސަފަކަށް ތަރުތީބުކޮށްދޭ، އޯގާތެރިކަމުގެ ދެމެހެއްޓެނިވި މިސާލެކެވެ. އަދި މި އުފާވެރިކަމަކީ، އިންސާނީ ކުލުނުގެ އެންމެ އަލިގަދަ ރަމްޒު ކަމަށްވެސް ވިދާޅުވި އެވެ.

ޒުވާން ޖީލަށް ރިވެތި އަހުލާގީ ސިފަތައް ދަސްކޮށްދީ، ނިކަމެތިންނާއި އެކަނިވެރިންގެ ހިނިތުންވުމަކީ ތިމާގެ ވެސް އުފާ ކަމުގައި ދެކުމަށް މި އީދުން ދަސްވާ ކަމަށް ރައީސް ހަނދުމަ ކޮށްދެއްވި އެވެ. މި އީދުގެ ސަބަބުން އާލާވެ ހިނގައިދާ އެއްބައިވަންތަކަމަކީ، ގައުމުގައި އަމާންކަމާއި ސުލްހަ ދަމަހައްޓަން ލިބިދޭ ވަރުގަދަ ބާރެއް ކަމަށްވެސް ވިދާޅުވި އެވެ.

"އީދުގެ ހަގީގީ ޖައުހަރަކީ، ތަގުވާވެރިކަމުގެ ސާފު ފޭރާމުން ނަފުސް ޒީނަތްތެރިކޮށް، ދީނާއި ހައްގުގެ މަގު އިސްކުރުމުގެ އަޒުމް އާކުރުން،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ހިތޯބު ނިންމަވައިލެއްވީ، މި ބަރަކާތްތެރި ދުވަސްތައް އުފާވެރިކަމާއި ބާއްޖަވެރިކަމާ އެކު ތަކުރާރުވަމުން ދިއުމަށާއި، ދިވެހި ގައުމާއި މުޅި އިސްލާމީ އުންމަތް ސަލާމަތާއި ރައްކާތެރިކަމުގައި ލެހެއްޓެވުން އެދި ދުއާ ދަންނަވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.