ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ދަތުރުކުރި "ގްލޯބަލް ސުމޫދު" ފްލޮޓިލާގެ ބައިވެރިންނަށް އިސްރާއީލުން ދިން ހަމަލާތަކާއި ކުރި އަނިޔާތަކުގެ މައްސަލަ ބައިނަލްއަގުވާމީ ކޯޓު (އައިސީޖޭ) އަށް ހުށަހަޅަން މެލޭޝިއާއިން ނިންމައިފި އެވެ.
މެލޭޝިއާގެ ސެލަންގޯ ސްޓޭޓްގެ ޗީފް މިނިސްޓަރު އަމީރުއްދީން ޝާރީއާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި ގާނޫނީ ޓީމުތަކުން މިހާރު ދަނީ ހެކިތަކާއި މައުލޫމާތު އެއްކުރަމުންނެވެ. ބައިނަލްއަގުވާމީ 400 އަށްވުރެ ގިނަ އެކްޓިވިސްޓުންނާއެކު ދަތުރުކުރި މި އުޅަނދުތަކަށް ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން އިސްރާއީލު ސިފައިން ހަމަލާދީ، އެތައް ބަޔަކު ރަހީނުކޮށް އަނިޔާކޮށްފައިވާތީ މެލޭޝިއާއިން އޮތީ އެކަމުގައި ހަނު ހުންނަ ގޮތަކަށް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނީ ފިޔަވަޅުތަކުގެ އިތުރުން، ފަލަސްތީނުގެ ހައްގުގައި މެލޭޝިއާއިން ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ވެސް އެ ގައުމުން ވަނީ ނިންމާފަ އެވެ. އެގޮތުން، ފަލަސްތީނުގެ މައްސަލައާ ގުޅޭ ބައިނަލްއަގުވާމީ ކޮންފަރެންސްތައް މެލޭޝިއާގައި ބޭއްވުމަށް ރާވަމުންދާކަން އަމީރުއްދީން ފާހަގަކުރެއްވި އެވެ. އަދި ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް އަންނަންދެން މިފަދަ ހަރަކާތްތައް ހުއްޓާނުލާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި "ސުމޫދު 3.0″ ގެ ނަމުގައި އިތުރު ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ