ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއް ރައްދުވާ ގޮތަށް ޑޮކިއުމެންޓަރީއެއް އާންމުކުރި މައްސަލައިގައި، އަދަދު ނޫހުގެ ސީއީއޯ ހުސެން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފުކުރުމުގެ ދައުވާގެ ޝަރީއަތް އަންނަ ޖޫން މަހުގެ 8 ވަނަ ދުވަހަށް ތާވަލުކޮށްފި އެވެ.
ކޯޓުގައި ސިއްރުކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ މި މައްސަލައިގެ އަޑުއެހުން ފެށުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ މެންދުރުފަހު 1:00 ގައެވެ. މި ދެ ބޭފުޅުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ "އައިޝާ" ނަމުގައި އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓަރީއަކާ ގުޅިގެންނެވެ. މި މައްސަލަ ތަހުގީގުކުރަން ފެށީ، ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ސީދާ ރައީސް މުއިއްޒު އެންގެވި އެންގެވުމަކަށެވެ. މައްސަލަ ބަލަން ފެށިތާ 14 ދުވަސް ތެރޭގައި އެ ދެ ބޭފުޅުންގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ.
ތަހުގީގު ފެށުމާއެކު ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީހަށް ވަދެ ފާސްކޮށް، ނޫސްވެރިކަމުގެ މަސައްކަތަށް ބޭނުންކުރާ 20 އަށްވުރެ ގިނަ ލެޕްޓޮޕާއި ހާޑް ޑިސްކު ފަދަ އިލެކްޓްރޯނިކް ވަސީލަތްތައް ހިފަހައްޓާފަ އެވެ. އަދި އޭގެ އަނެއް ދުވަހު ފިޔާޒާއި ހަސަންގެ އިތުރުން، މި މައްސަލައިގައި ހިމެނޭ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއް ވެސް ރާއްޖެއިން ފުރުން މަނާކޮށް ފުލުހަށް ހާޒިރުކޮށްފައިވެ އެވެ.
މީގެ އިތުރުން، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލުކުރުމާ ގުޅިގެން އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާންގެ މައްޗަށް އިއްވި 15 ދުވަހުގެ ޖަލު ހުކުމެއް އޭނާ ދަނީ މާފުށި ޖަލުގައި ތަންފީޒު ކުރަމުންނެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވެ، އަންނަ ބުދަ ދުވަހު މިނިވަންވާނެ ކަމަށް މައުލޫމާތު ލިބެ އެވެ.
ކޮމެންޓު ފޮނުވާ