ބައިނަލްއަޤުވާމީ ފުޓުބޯޅަ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޚާއްޞަ މެސެޖެއްގައި، ރާއްޖޭގެ ކުޅިވަރުގެ އުމްރާނީ ތަރައްޤީ ލާމަރުކަޒުކޮށް ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމުގެ ޔަޤީންކަން ދެއްވައިފިއެވެ.
ދިވެހިންނަކީ ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ފީފާ ޤަބޫލުކުރާ ފެންވަރުގެ ޒަމާނީ ދަނޑުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާކަން ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ބައިނަލްއަޤުވާމީ ފެންވަރުގެ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް މަގުފަހިކުރުމާއި، ދިވެހި ކުޅުންތެރިންނަށް ދުނިޔޭގެ ފެންވަރުގައި ވާދަކުރުމުގެ ފުރުޞަތުތައް ހޯދައިދިނުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކުޅިވަރުގެ ޤާނޫނަށް ގެނެވުނު ބަދަލުތަކާއެކު، މާލެއަށް އެކަނި ޚާއްޞަވެފައި އޮތް ފުޓުބޯޅައިގެ ފުރަތަމަ ޑިވިޝަން މިހާރު ވަނީ މުޅި ރާއްޖެއަށް ހުޅުވާލެވިފައެވެ. މިގޮތުން، ސަރުކާރުގެ އެހީތެރިކަމާއެކު އެފްއޭއެމްގެ އައު މެނޭޖްމަންޓުން ރާއްޖެ ހަތަރު ސަރަޙައްދަކަށް ބަހާލައި، އަތޮޅުތެރޭގެ ޓީމުތަކަށް އެންމެ މަތީ ފަންތީގައި ވާދަކުރެވޭނެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖައްސާފައެވެ.
ކޮންމެ އަހަރެއްގެ މެއި 25 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަޤުވާމީ ފުޓުބޯޅަ ދުވަހަކީ ޤައުމުތަކުގެ މެދުގައި ސުލްޙަވެރިކަމާއި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ރަސްމީކޮށް ފާހަގަކުރަން ފެށީ 1924 ވަނަ އަހަރުގެ ޕެރިސް އޮލިމްޕިކްސްގެ ފުޓުބޯޅަ މުބާރާތަށް 100 އަހަރު ފުރުމާ ގުޅިގެން 2024 ވަނަ އަހަރުގައެވެ.
ކޮމެންޓު ފޮނުވާ