ރާއްޖޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ޕާކުކުރާނެ ޖާގަ އިތުރުކުރުމުގެ މަގުސަދުގައި، ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީޕީ) އުސޫލުން ތަރައްގީކުރާ ޕާކިން އިމާރާތްތަކާ ގުޅޭ އާ ގަވާއިދެއް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ގެޒެޓްކޮށްފިއެވެ.
އަލަށް އެކުލަވާލި މި ގަވާއިދުގެ ދަށުން، ޕާކިން އިމާރާތްތަކުގެ ޖުމުލަ ޖާގައިގެ ތެރެއިން މަދުވެގެން 20 އިންސައްތަ އަކީ އާންމުންނަށް ނުވަތަ ޕަބްލިކް ޕާކިންއަށް ހާއްސަކުރެވިފައިވާ ޖާގައަށް ވާންޖެހޭނެއެވެ. އަދި އޭގެ ތެރެއިން 5 އިންސައްތަ ދެ ފުރޮޅުލީ އުޅަނދުތަކަށް ހާއްސަކުރުން ވަނީ ލާޒިމުކޮށްފައެވެ. މީގެ އިތުރުން، ތިން ފުރޮޅުލީ އަދި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ދޫކުރާ ޕްރައިވެޓް ޕާކިން ޖާގަ، އިމާރާތުގެ ޖުމުލަ ޖާގައިގެ 80 އިންސައްތައަށް ވުރެ އިތުރުވެގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
މި ގަވާއިދުގައިވާ ގޮތުން ޕްރައިވެޓް ޕާކިން ޖާގަތައް ވުޒާރާގައި ރަޖިސްޓްރީކޮށް، އުޅަނދު ރަޖިސްޓަރީކުރާ ގަރާޖެއްގެ ގޮތުގައި ބޭނުންކުރެވޭނެއެވެ. އުމުރުން 18 އަހަރުވެފައިވާ ކޮންމެ މީހަކަށް އަދި ސައްހަ ވިސާއެއް އޮތް ބިދޭސީއަކަށްވެސް މި ޖާގަތައް ގަނެވޭނެއެވެ. ނަމަވެސް މިފަދަ ޖާގައެއް ވިއްކާލެވޭނީ ނުވަތަ ކުއްޔަށް ދެވޭނީ މަދުވެގެން އަށް އަހަރު ދުވަހުގެ މުއްދަތަކަށެވެ. ޕަބްލިކް ޕާކިންއަށް ބަލާއިރު، އެ ސަރަހައްދުތަކުން ފީ ނަގައިގެން ވަކި ވަގުތަކަށް ނުވަތަ މުއްދަތަކަށް ޖާގަ ދޫކުރުމުގެ އިހުތިޔާރު އިމާރާތް ހިންގާ ފަރާތަށް ލިބިގެންވާއިރު، އެފަދަ ޖާގަތައް ގަރާޖެއްގެ ގޮތުގައި ރަޖިސްޓަރީއެއް ނުކުރެވޭނެއެވެ. ޕަބްލިކް ޕާކިން ހަދަންވާނީ މާލެ ސަރަހައްދުގައި ނަމަ ވުޒާރާގެ ހުއްދަ، އަދި އެހެން ރަށެއްގައި ނަމަ ކައުންސިލްގެ ހުއްދަ ހޯދައިގެންނެވެ.
މީގެ އިތުރުން، ޕާކިން އިމާރާތްތަކަކީ ދުއްވާ ފަރާތްތަކަށް ސަލާމަތްތެރި ތަންތަނަށް ހެދުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ އަންގާފައެވެ. އެގޮތުން ފަންގިފިލާތަކުގެ ދެމެދުގައި ފަސޭހައިން ދުއްވޭނެ ނިޒާމެއް ގާއިމުކުރުމާއި، ސްލޮޓްތައް ވަކިކޮށް ނަންބަރު ޖެހުން ނުވަތަ ސްމާޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން ސްލޮޓްތައް ވަކިކުރުން ވަނީ މަޖުބޫރުކޮށްފައެވެ. އަދި އުޅަނދުތަކަށް މަގު ދެއްކުމަށް ރެޓްރޯ ރިފްލެކްޓިވް ޓޭޕް ފަދަ ތަކެތި ބޭނުންކޮށްގެން ނިޝާންތައް ހަރުކުރުމަށްވެސް އާ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ