މިއަހަރުގެ ފިތުރު އީދު ނަމާދު މާލެ ސަރަހައްދުގެ ހަތަރު މައިދާނަކާއި 25 މިސްކިތެއްގައި ބޮޑު ޖަމާޢަތުގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި މާލޭގައި ބޮޑު ޖަމާޢަތުގައި ނަމާދުކުރުން އޮންނާނީ މާފަންނު ސްޓޭޑިއަމްގައެވެ. ހުޅުމާލޭގައި ސިންތެޓިކް ޓްރެކްގެ އިތުރުން ފޭސް 2 ގެ މަސްޖިދު ހަސަން އާދަމް ކައިރީގައި އޮންނަ ހުސްބިމުގައި ނަމާދުކުރަން ހަމަޖެހިފައިވާއިރު، ވިލިމާލޭގައި އީދު ނަމާދުކުރާނީ އެ އަވަށުގެ ބޯޅަދަނޑުގައެވެ. ނަމަވެސް މޫސުން ގޯސްވެ ވިއްސާރަވެއްޖެނަމަ، މައިދާންތަކުގައި ކުރާ ނަމާދު ކެންސަލްކޮށް، މާލެ ސިޓީގައި ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި އީދު ނަމާދުކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިއަހަރުގެ ފިތުރު އީދު ދުވަހަކީ މި މަހުގެ 27 ވަނަ ދުވަހެވެ. އީދު ނަމާދުކުރަން ފަށާނީ އެދުވަހުގެ ހެނދުނު 07:00 ގައެވެ. މިނިސްޓްރީން ވަނީ ނަމާދަށް ދާއިރު ގެއިން ވުޟޫކޮށްގެން ދިއުމަށާއި، އަމިއްލަ މުސައްލައެއްގެ އިތުރުން ބޯން ބޭނުންކުރާނެ ފެންފުޅިއެއް ގެންދިއުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ