ކުރިއަށް އޮތް 2 މަސް ތެރޭގައި ބޭހުގެ މައްސަލައަށް ބޮޑު ޙައްލެއް ލިބިގެންދާނެ: ރައީސް

ކުރިއަށް އޮތް 2 މަސް ތެރޭގައި ބޭހުގެ މައްސަލައަށް ބޮޑު ޙައްލެއް ލިބިގެންދާނެ: ރައީސް

Author
އަހުމަދު
24 މެއި 2026 08:35
0

ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި މިހާރު ދިމާވެފައިވާ ބޭހުގެ މައްސަލައަށް ބޮޑު ޙައްލެއް ލިބިގެންދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

"ނޭޝަން ޗެޓް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިކަމަށްޓަކައި އަލަށް އުފައްދާފައިވާ "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" (ސްޓޭޓް ފާމާ) އިން ގިނަ މަސައްކަތްތަކެއް އެއްފަހަރާ ކުރަމުންދާ ކަމަށެވެ. އަދި ޖޫން ނުވަތަ ޖުލައި މަހާ ހިސާބަށް ދާއިރު ބޭހުގެ ދަތިކަމަށް ވަރަށް ބޮޑުތަނުން ރަނގަޅު ބަދަލެއް އަންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ ތެރޭގައި ޚާއްޞަކޮށް ދިގު މުއްދަތަށް ބޭސް ބޭނުންކުރާ ފަރާތްތަކަށް މެދުކެނޑުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ރައްޔިތުންނަށް ދިމާވެފައިވާ ބޭހުގެ ތަކުލީފުތަކަށް ޙައްލު ހޯދައިދިނުމުގެ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހު އުފެއްދި ސްޓޭޓް ފާމާގެ ދަށަށް، އަންނަ ޖުލައި މަހުން ފެށިގެން އެސްޓީއޯގެ ހުރިހާ ބޭސްފިހާރަތަކެއް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މުޅި ރާއްޖޭގެ ފާމަސީތަކުގައި ބޭސް ހުރި މިންވަރު ވަގުތުން ބެލޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.

މި ބަދަލުތަކާއެކު އެ ކުންފުނީގެ ފުރަތަމަ ފާމަސީ އައިޖީއެމްއެޗްގައި މިހާރު ވަނީ ޤާއިމުކޮށްފައެވެ. އަދި ރާއްޖެއިން ލިބެން ނެތް ބޭސްތައް ބޭރުން ގެނެސްދިނުމުގެ ޚިދުމަތް ފަސޭހަކުރުމަށް 1505 ގެ ނަމުގައި ޚާއްޞަ ހޮޓްލައިނެއް ޤާއިމުކޮށްފައިވާއިރު، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ބޭހަށް އެދެވޭނެ ގޮތް ހެދުމަށް "ސްޓޭޓް ފާމާ ޕޯޓަލް" އެއް ތަޢާރަފުކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.