ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމު ހުސްކޮށް އޮންނަތާ ތިން މަހަށްވުރެ ގިނަ ދުވަސްވީ ފަހުން، އެ އިދާރާގެ އައު ޗެއާޕާސަނަކަށް ބޯޑު މެންބަރު ޢަބްދުލްމަޖީދު ޢަލީ މިއަދު އައްޔަންކުރައްވައިފިއެވެ.
މާލީ އަދި ބޭންކިން ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ޢަބްދުލްމަޖީދު އެންމެ ފުރަތަމަ ޕެންޝަން ބޯޑާ ގުޅިވަޑައިގަތީ އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރައްވާ ޑިރެކްޓަރެއްގެ ގޮތުގައި 2022 ވަނަ އަހަރުގައެވެ. އޭނާ ވަނީ މީގެ ކުރިން ބޭންކް އޮފް ސިލޯނާއި ބޭންކް އޮފް މޯލްޑިވްސްގައި ވަޒީފާ އަދާކުރެއްވުމުގެ އިތުރުން، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ބޯޑު މެންބަރުކަން ވެސް ކުރައްވާފައެވެ. ތައުލީމީ ގޮތުން ބަލާއިރު، އޭނާ ވަނީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން ބެޗެލާސް ޑިގްރީ އަދި ވޭލްސްގެ ކާޑިފް ޔުނިވާސިޓީން މާސްޓާސް ހާސިލްކުރައްވާފައެވެ.
ޗެއާޕާސަން އައްޔަންކުރުމުގެ އިތުރުން، ޕެންޝަން ބޯޑުގެ އައު މެންބަރެއްގެ ގޮތުގައި ޙައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވެސް މިހާރު ވަނީ އައްޔަންކުރައްވާފައެވެ.
ޕެންޝަން އޮފީހުގެ އިސް މަގާމުތަކެއް ހުސްވީ، ސަރުކާރުން ޕެންޝަން ފަންޑު މެދުވެރިކޮށް 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް ނަގަން އުޅުމުން އުފެދުނު ޚިޔާލުތަފާތުވުންތަކެއްގައި މިދިޔަ ފެބްރުވަރީ މަހު ބޯޑުގެ ގިނަ މެންބަރުންތަކެއް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭރު އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ޗެއާޕާސަން ޑރ. އަޙްމަދު އިނާޒާއި، ސީއީއޯ ސުޖާތާ ޙަލީމާއި، ސީއެފްއޯ ޙައްވާ ފަޖުވާގެ އިތުރުން މާލީ ތަޖުރިބާކާރު ސަރުވަޝް އާދަމް ހިމެނިވަޑައިގަންނަވައެވެ.
ކޮމެންޓު ފޮނުވާ