ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދިޔަ ފަންނީ ތަމްރީނުތަކުގެ ފުރަތަމަ ބުރު ފުރިހަމަކޮށް، 63 ބައިވެރިއަކު ދަސްވެނިވެއްޖެއެވެ.
މިއަހަރުގެ ޖެނުއަރީ 15 ވަނަ ދުވަހުން ފެށިގެން މެއި 22 ވަނަ ދުވަހުގެ ނިޔަލަށް ބ. ކިހާދޫގައި ހުންނަ ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި ހަތަރު މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ރާއްޖޭގެ 35 ރަށަކުން ކުދިން ބައިވެރިވިއެވެ. އޭގެ ތެރޭގައި 14 އަންހެން ދަރިވަރުންނާއި 49 ފިރިހެން ދަރިވަރުން ހިމެނެއެވެ. ދިފާއީ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި މި ކުދިންނަކީ މިދިޔަ ޑިސެންބަރު މަހު ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ (އަސާސީ ތަމްރީނު) ފުރިހަމަކުރި ފުރަތަމަ ބެޗުގެ ކުދިންގެ ތެރެއިން ފަންނީ ދާއިރާއިން ކުރިއަށްދާން ޝައުގުވެރިކަން ފާޅުކުރި ކުދިންނެވެ.
މި ޕްރޮގްރާމުގައި މައިގަނޑު ހަ ދާއިރާއަކުން ދަރިވަރުންނަށް ވަނީ ތަމްރީނު ދީފައެވެ. އެއީ އިލެކްޓްރިޝަން، އޮޓޯމޮބައިލް އިންޖިނިއަރިންގ، މެރިން އިންޖިނިއަރިންގ، ރެފް އެންޑް އޭސީ، އޮފީސް މެނޭޖްމެންޓް އަދި ބިލްޑިންގ އެންޑް ފެބްރިކޭޝަންގެ ދާއިރާއެވެ. މި ތަމްރީނުތައް ފުރިހަމަކުރި ކޮންމެ ދަރިވަރަކަށްވެސް އެންމެ ދަށްވެގެން ލެވެލް 3 ގެ ސެޓްފިކެޓެއް ލިބިގެންދާނެއެވެ.
ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ގައުމިއްޔަތަށް ލޯބިކުރާ، މަސައްކަތުގެ މާހައުލަށް އަހުލުވެރި އަދި ރޫހާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުމުގެ މަތިވެރި މަގުސަދުގައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި ޕްރޮގްރާމުގެ ދެވަނަ ބުރުގެ އަސާސީ ތަމްރީނުތައް 343 ބައިވެރިންނާއެކު މިހާރު ނިންމާލާފައިވާއިރު، އޭގެ ތެރެއިން 80 ބައިވެރިއަކު ކުރިއަށް އޮތް ފަންނީ ޕްރޮގްރާމުގައި ބައިވެރިވާނެކަމަށް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ