ސަރުކާރުގެ ބައެއް ވުޒާރާތައް އެއްކޮށްލައި، ކެބިނެޓްގެ މެންބަރުންގެ އަދަދު 15 އަށް މަދުކުރުމުން އޭގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ފަހުން ބޭއްވުނު އިންތިޚާބުތަކުގެ ނަތީޖާއިން ސަރުކާރުގެ ސިޔާސަތުތަކާއި ހިންގުމަށް ބަދަލުތަކެއް ގެންނަންޖެހޭކަން ރައްޔިތުން ހާމަކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން، ރައްޔިތުން އެދުނު ގޮތަށް ސަރުކާރުގެ ސައިޒު ކުޑަކޮށް، މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ވަގުތުން ފިޔަވަޅުތަކެއް އެޅުއްވީ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިދިޔަ އޭޕްރީލް މަހު ގެނައި މި ބަދަލުތަކުގެ ތެރެއިން 8 ވަޒީރަކު އިސްތިއުފާ ދެއްވުމުން، 4 މިނިސްޓްރީއެއް ވަނީ އެއްކޮށްލައްވާފައެވެ. ރައީސް ވިދާޅުވި ގޮތުގައި މި ބަދަލަކީ ކުރީގެ ވަޒީރުން ފަރުވާތެރިކަމާއެކު މަސައްކަތް ނުކުރެއްވުމުން ގެނައި ބަދަލެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ މަސައްކަތުގެ ދުވެލި އިތުރަށް ހަލުވިކޮށް ވުޒާރާތަކުގެ ފެންވަރު މަތިކުރުމަށް ގެނައި މުހިންމު ބަދަލެކެވެ.
ގޯސްކޮށް ސިޔާސަތުތަކެއް ތަންފީޒު ކުރެވޭނަމަ އެކަންކަން އިސްލާޙުކުރެއްވުމަށް ފަސްޖެހިވަޑައިނުގަންނަވާނެކަން ތަކުރާރުކުރައްވަމުން ރައީސް ވިދާޅުވީ، މިހާރު ކޮންމެ ވުޒާރާއެއްގެ މަސައްކަތްތައް ވެސް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި މިހާރު ފެންނަމުންދާ ހެޔޮ ބަދަލުތަކާއެކު، ކުރިއަށް އޮތް ތަނުގައި ނަތީޖާ އިތުރަށް ރަނގަޅުވެގެންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ