ނިމިދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް އެމްޑީޕީ ދޫކުރައްވައި، އެ ޕާޓީއާ ދެކޮޅަށް މަސައްކަތް ކުރެއްވުނީތީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ ޕާޓީގެ އާންމު މެންބަރުންގެ ކިބައިން މާފަށް އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މާފަށް އެދިވަޑައިގަތީ، އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް އަންނަ މަހު ބާއްވާ އިންތިޚާބުގެ ކެމްޕެއިނަށް ރ. ދުވާފަރަށް ވަޑައިގެން ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ. އެ ބައްދަލުވުމުގައި ބައިވެރިވި އާންމު މެންބަރަކު ވަނީ، 2023 ގައި ނަޝީދަށް ހެދުނީ ގޯހެއް ކަމަށް ސިފަކޮށް، މެންބަރުންގެ ފަރާތުން އެކަމަށް މާފަށް އެދުމަށް އެދިފައެވެ.
މެންބަރުގެ އެދުމަށް އިޖާބަދެއްވަމުން ނަޝީދު ވަނީ ޕާޓީން ވަކިވެވަޑައިގަންނަވަން ޖެހުނު މައިގަނޑު ސަބަބުތައް ތަފްސީލުކޮށްދެއްވާފައެވެ. އެގޮތުން، 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް 65 ގޮނޑި ލިބުނު ހިސާބުން ފެށިގެން، ކުޑައިރުއްސުރެ އެކުގައި އުޅުއްވި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެމަނިކުފާނާ ވާހަކަދެއްކެވުން ހުއްޓަވާލެއްވިކަން ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން، 2021 ވަނަ އަހަރުގެ މެއި 6 ގައި އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތަޙުޤީޤު ދިޔަ ގޮތާއި، ރިޔާސީ ޕްރައިމަރީއަށްފަހު އެމަނިކުފާނަށް ތާއީދުކުރެއްވި މަޖިލިސް މެންބަރުން ކަމަށްވާ އަލީ އާޒިމް، ހަސަން ލަތީފް، އިލްޔާސް ލަބީބް އަދި އީވާ އަބްދުﷲ ފަދަ ބޭފުޅުން ޕާޓީން ވަކިކުރަން ފިޔަވަޅުއަޅާ ކޮމިޓީއަށް ފޮނުވުން އެއީ ލަދެއް ހުރިއްޔާ ޕާޓީ ދޫކޮށްލައްވަން މަޖުބޫރުވި ސަބަބުތައް ކަމުގައި ވިދާޅުވިއެވެ.
އެމްޑީޕީއަކީ އެމަނިކުފާނުގެ "މުޅި ޙަޔާތް" ކަމަށް ސިފަކުރައްވަމުން ނަޝީދު ވިދާޅުވީ، ޕާޓީ ދޫކޮށް ދާންޖެހުމުން އެންމެ ދެރަވާނީ އެމަނިކުފާނު ކަމަށެވެ. އެހެންކަމުން އެކަމަށް މާފަށް އެދިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް ކަންކަން ހިނގައިދިޔަ ގޮތުން އެމްޑީޕީގެ މެންބަރުންވެސް އެމަނިކުފާނުގެ ކިބައިން މާފަށް އެދެންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ގެއްލުނީ ހަމައެކަނި އެމަނިކުފާނު ޕާޓީން ވަކިވެވަޑައިގަތުމުން ނޫން ކަމަށާއި، އޭރުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިޙްގެ ކިބައިގައި އެކަން ކުރުމުގެ ޤާބިލުކަމާއި ފެންވަރު ނެތުމުން ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ