ވ. އަތޮޅުގެ ހޮހަޅައިގައި މަރުވި އިޓަލީގެ ޑައިވަރުންގެ އިލެކްޓްރޯނިކް ސާމާނުތައް ތަހުގީގަށް އިޓަލީއަށް ގެންގޮސްފި

ވ. އަތޮޅުގެ ހޮހަޅައިގައި މަރުވި އިޓަލީގެ ޑައިވަރުންގެ އިލެކްޓްރޯނިކް ސާމާނުތައް ތަހުގީގަށް އިޓަލީއަށް ގެންގޮސްފި

Author
އަހުމަދު
22 މެއި 2026 09:46
0

މިދިޔަ މޭ މަހުގެ 14 ވަނަ ދުވަހު ވ. އަތޮޅު "ދެވަނަ ކަނޑު" ގެ ހޮހަޅައަކަށް ފީނުމުގެ ތެރޭގައި މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ މައްސަލައިގެ ތަހުގީގު އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ފުޅާކޮށް، އެ މީހުންގެ އިލެކްޓްރޯނިކް ސާމާނުތައް ތަހުގީގަށް ގެންގޮސްފިއެވެ.

ރޯމްގެ ޕްރޮސެކިއުޓަރުން "ކަލްޕަބަލް ހޯމިސައިޑް" ނުވަތަ އިހުމާލުން މީހަކު މަރުވުމުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންދާ މި ހާދިސާއާ ގުޅިގެން، މަރުވި މީހުންގެ ފޯނާއި، ކޮމްޕިއުޓަރާއި، ޑައިވް ކޮމްޕިއުޓަރު އަދި ގޯޕްރޯ ކެމެރާތައް ވަނީ އިޓަލީއަށް ގެންގޮސްފައެވެ. މި ތަކެތީގެ އެހީގައި އެ މީހުން ފީނި ފުންމިނާއި، ހޭދަވި ވަގުތުގެ އިތުރުން ހާދިސާ ހިނގި ގޮތުގެ ވީޑިއޯ ފުޓޭޖް ލިބި، މައްސަލައިގެ ހަގީގަތް ސާފުވާނެ ކަމަށް ވަނީ ބެލެވިފައެވެ.

މޭ 14 ވަނަ ދުވަހު ހިނގި މި ހާދިސާގައި ޚަބަރެއް ނުވެގެން ހޯދަން ފެށީ ޖިއޯޖިއާ ސޮމަކަލް، މުރިއަލް އޮޑެނީނޯ، ފެޑެރިކޯ ގުއަލްޓިއޭރީ، މޮނިކާ މޮންޓެފަލްކޯން އަދި ޖިއަންލޫކާ ބެނެޑެޓީއެވެ. ބެނެޑެޓީގެ ހަށިގަނޑު އެ ދުވަހު ފެނުނުއިރު، އަނެއް ހަތަރު މީހުންގެ ހަށިގަނޑު ފެނުނީ މޭ 18 ވަނަ ދުވަހު ފިންލޭންޑުގެ ކޭވް ރެސްކިއު ޓީމަކުން ކުރި މަސައްކަތުންނެވެ. މި މީހުން ހޯދުމަށް ފުރަތަމަ ކުރި މަސައްކަތުގެ ތެރޭގައި އެމްއެންޑީއެފްގެ ޑައިވަރު ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ވެސް ވަނީ ނިޔާވެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދެކެވުނު ނަމަވެސް، ފިންލޭންޑުގެ ރެސްކިއު ޓީމާއި ރާއްޖޭގެ ތަޖުރިބާކާރުން ބުރަވަނީ އެމީހުން ގަސްތުގައި ހޮހަޅައަށް ވަދެ، ނުކުންނަން އުޅުމުގެ ތެރޭގައި މަގު އޮޅިގެން ކޮޅުބެދިފައިވާ ތަނަކަށް ވަދެވި ތާށިވީ ކަމަށެވެ. ހޮހަޅައިގެ ތެރޭގައި އުފެދުނު ބާރު އޮއިވަރެއްގެ ސަބަބުން އެތެރެއަށް ދަމައިގަތީ ކަމަށް ބުނާ ބުނުން ތަޖުރިބާކާރުން ވަނީ ދޮގުކޮށްފައެވެ. 47 މީޓަރު އަޑީގައިވާ މި ހޮހަޅައިގެ ދެވަނަ ބަޔަށް ވަންނަން އޮންނަ ހަނި މަގުން ނުކުންނަން އުޅުމުގެ ތެރޭގައި ވެލިގަނޑެއްގެ ސަބަބުން މަގު އޮޅި، ހަތަރު މީހެއްގެ ހަށިގަނޑު ފެނުނީ އެއްތަނަކުންނެވެ.

މި ހާދިސާއާ ގުޅިގެން އެމީހުން ބޭނުންކުރި އާލާތްތަކާމެދުވެސް ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. 50 މީޓަރު އަޑިއަށް ފީނުމަށް އެމީހުން ބޭނުންކޮށްފައިވަނީ އާދައިގެ 12 ލީޓަރުގެ ވައި ޓޭންކެވެ. މިއީ އެހާ ފުންމިނަކަށް ފީނާއިރު "ނައިޓްރޯޖަން ނާކޯސިސް" ގެ ނުރައްކާ ބޮޑު ކަމަކަށްވާއިރު، މި ޓޭންކު ބޭނުންކޮށްގެން އެހާ އަޑީގައި ހޭދަކުރެވޭނީ ގާތްގަނޑަކަށް 10 ވަރަކަށް މިނެޓެވެ. އަދި ހޮހަޅައަށް ވަންނައިރު ބޭނުންކުރަންޖެހޭ ގައިޑްލައިން ވެސް އެމީހުން ބޭނުންކޮށްފައެއް ނުވެއެވެ. މަރުވި މީހުންގެ އޮޓޯޕްސީ އިޓަލީގައި ހެދުމަށް ހަމަޖެހިފައިވާއިރު، ތަހުގީގަށްފަހު ހާދިސާގެ ފުރިހަމަ ތަފްސީލުތައް ހާމަވެގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.