އިރުމަތީ ގުދުސްގެ ޝައިޚް ޖައްރާގައި ހުންނަ އދ. ގެ އަންރުވާ ކޮމްޕައުންޑުގައި އިސްރާއީލުގެ އަސްކަރީ މަރުކަޒެއް ހެދުމަށް ނިންމި ނިންމުން، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
މިއަހަރުގެ ޖެނުއަރީ މަހު އިސްރާއީލުން ހިފާފައިވާ މި ކޮމްޕައުންޑަކީ އަދިވެސް އދ. ގެ ރަސްމީ އިމާރާތެއްކަން ފާހަގަކުރައްވައި، ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ވިދާޅުވީ އިސްރާއީލުގެ މި އަމަލަކީ އދ. ގެ އިމާރާތްތަކަށް ލިބިގެންވާ ރައްކާތެރިކަމާއި ހުރުމަތް ކެނޑުން ކަމަށެވެ. އަދި މިއީ އިސްތިއުމާރު ކުރެވިފައިވާ ފަލަސްތީނުގެ ބިންތަކުގައި އަންރުވާއިން ކުރަމުންދާ އިންސާނީ އެހީތެރިކަމުގެ މަސައްކަތްތަކަށް އދ. ގެ އާންމު މަޖިލީހުން ދީފައިވާ މެންޑޭޓަށް ސީދާ ގޮތެއްގައި ހުރަސްއެޅުން ކަމަށްވެސް އދ. އިން ވަނީ ސިފަކޮށްފައެވެ.
ސެކްރެޓަރީ ޖެނެރަލް ގުޓެރޭޒް ވިދާޅުވީ އަންރުވާއާ ދެކޮޅަށް އިސްރާއީލުން ހިންގާ މިފަދަ އަމަލުތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ. ބައިނަލްއަގުވާމީ އަދުލު އިންސާފާ ބެހޭ ކޯޓު (އައި.ސީ.ޖޭ) އިންވެސް ކަނޑައަޅާފައިވާ ގޮތުގެ މަތިން، ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގާ އަމަލުތަކަކީ ގާނޫނާ ހިލާފު ކަންތައްތަކެއް ކަމަށާއި، އެ ބިންތަކުގެ މައްޗަށް އިސްރާއީލަށް އެއްވެސް ބާރެއް ނުހިންގޭނެ ކަމަށް އދ. އިން ވަނީ ތަކުރާރުކޮށްފައެވެ. އެހެންކަމުން، އިސްރާއީލުގެ ނިންމުން ވަގުތުން ބާތިލުކޮށް، ޝައިޚް ޖައްރާގައި ހުންނަ ކޮމްޕައުންޑް އަނބުރާ އދ. އާ ހަވާލުކުރުމަށް ގުޓެރޭޒް ވަނީ އިސްރާއީލަށް ގޮވާލައްވާފައެވެ.
ކޮމެންޓު ފޮނުވާ