ގާޒާ ފްލޮޓިލާގެ އެކްޓިވިސްޓުންނަށް އިހާނެތިކޮށް ހިތާ މަންޒަރު އާންމުކުރުމުން އިސްރާއީލަށް ބޮޑު ފާޑުކިޔުމެއް!

ގާޒާ ފްލޮޓިލާގެ އެކްޓިވިސްޓުންނަށް އިހާނެތިކޮށް ހިތާ މަންޒަރު އާންމުކުރުމުން އިސްރާއީލަށް ބޮޑު ފާޑުކިޔުމެއް!

Author
އަހުމަދު
21 މެއި 2026 08:05
0

ގާޒާއަށް އެހީ ހިފައިގެން ދިޔަ ފްލޮޓިލާގެ އެކްޓިވިސްޓުންތަކެއް ހައްޔަރުކޮށް، އެމީހުންނަށް މަލާމާތްކުރާ ވީޑިއޯއެއް އިސްރާއީލުގެ މިނިސްޓަރަކު އާންމުކުރުމާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ބޮޑު ނުރުހުމަކާއި ކޯފާއެއް އިސްރާއީލަށް އަމާޒުވެއްޖެއެވެ.

އިސްރާއީލުގެ ހަރުކަށި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގަވީރު 'އެކްސް' ގައި ހިއްސާކުރި މި ވީޑިއޯއިން ފެންނަނީ އަޝްދޫދު ބަނދަރުގައި ހައްޔަރުކޮށްފައި ތިބި ބޭރުގެ އެތައް ސަތޭކަ އެކްޓިވިސްޓުންނެކެވެ. "ވެލްކަމް ޓު އިސްރާއީލް" ގެ ނަމުގައި އާންމުކުރި މި ވީޑިއޯގައި، އެކްޓިވިސްޓުންގެ އަތްފައި ބަނދެ، ކަކޫ މައްޗަށް ތިރިކޮށް ބިންމަތީގައި ނިތްކުރި ޖައްސުވާފައި ތިބޭ މަންޒަރު ފެންނައިރު، ފަހަތުން އިސްރާއީލުގެ ގައުމީ ސަލާމް ކުޅޭ އަޑު އިވެއެވެ. މިކަމާ ގުޅިގެން ބެން ގަވީރު ބުނީ އެއީ ޓެރަރިޒަމަށް ތާއީދުކުރާ ބައެއް ކަމަށާއި، އެމީހުންނާމެދު އަމަލުކުރި ގޮތާމެދު ފަހުރުވެރިވާ ކަމަށެވެ.

މި ރަހުމުކުޑަ އަމަލާ ގުޅިގެން ޔޫރަޕްގެ ގިނަ ގައުމުތަކަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން ފްރާންސުން އިސްރާއީލު ސަފީރު ހާޒިރުކޮށްފައިވާއިރު، ސްޕެއިނުން ވަނީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ. އަދި ބެލްޖިއަމް، ގްރީސް، އިޓަލީ އަދި އަޔަލޭންޑުން ވަނީ އެ ގައުމުތަކުގެ ރައްޔިތުން މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލާފައެވެ. ތުރުކީގެ ފޮރިން މިނިސްޓްރީން ވެސް ވަނީ މިއީ ނަތަންޔާހޫ ސަރުކާރުގެ އަނިޔާވެރިކަން ހާމަވާ ކަމެއް ކަމަށް ބުނެ ފާޑުކިޔާފައެވެ.

ގްލޯބަލް ސަމޫދު ފްލޮޓިލާގެ ނަމުގައި ގާތްގަނޑަކަށް 430 އެކްޓިވިސްޓުންނާއެކު 50 އުޅަނދު ތުރުކީން ފުރީ، 2007 ވަނަ އަހަރުން ފެށިގެން އިސްރާއީލުން ގާޒާއަށް އަޅާފައިވާ ބަންދު އުވާލުމަށް ބާރުއެޅުމުގެ ގޮތުންނެވެ. ހަމާސް ޖަމާއަތުންނާއި އިސްރާއީލުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ 'އަދާލާ' އިން ވަނީ މި އަމަލަކީ އިސްރާއީލުގެ އަހުލާގީ ދަށުދަރަޖައާއި ޖިނާއީ ސިޔާސަތު ދައްކުވައިދޭ ކަމެއް ކަމަށް ބުނެފައެވެ. މައްސަލަ ހޫނުވުމާއެކު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހައްޔަރުކުރި އެންމެން ވީހާވެސް އަވަހަކަށް ޑީޕޯޓުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.