މާލޭގެ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ބޭނުންވާ ބިން ސިޓީ ކައުންސިލުން ހަވާލުނުކުރި

މާލޭގެ ވެޓް މާކެޓް ކޮމްޕްލެކްސް އެޅުމަށް ބޭނުންވާ ބިން ސިޓީ ކައުންސިލުން ހަވާލުނުކުރި

Author
އަހުމަދު
19 މެއި 2026 08:35
0

މާލޭގައި ތަރައްގީކުރާ 'ވެޓް މާކެޓް ކޮމްޕްލެކްސް' ގެ އަމަލީ މަސައްކަތް ނުފެށި ލަސްވަނީ، އެކަމަށް ބޭނުންވާ ބިން މާލެ ސިޓީ ކައުންސިލުން މިނިސްޓްރީއާ ހަވާލުނުކުރުމުގެ ސަބަބުން ކަމަށް އިންފްރަސްޓްރަކްޗާ ހައުސިން އެންޑް އާބަން ޑިވޮލޮޕްމެންޓް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި ދެމަސް ދުވަހުގެ ތެރޭގައި ބިން ހަވާލުކުރުމަށް އެދި ހަތަރު ފަހަރެއްގެ މަތިން ސިޓީ ކައުންސިލަށް ވަނީ ސިޓީ ފޮނުވާފައެވެ. އެގޮތުން މާރިޗު މަހުގެ ފަހުކޮޅުން ފެށިގެން މޭ މަހުގެ 18 އާ ހަމައަށް އެކި ތާރީޚުތަކުގައި ބިން ހަވާލުކުރުމަށް އެދިފައިވާއިރު، އޭޕްރީލް 30 ގައި ކައުންސިލުން ޖަވާބުދިނީ ބިން ހަވާލުކުރުމުގެ ކުރިން މާލެ ސިޓީގެ މޭޔަރު މިނިސްޓަރާ ބައްދަލުކުރައްވަން ބޭނުންވާކަމަށެވެ. މަޝްރޫއުގެ އިދާރީ ކަންކަމާއި ފައިނޭންސް ހަމަޖެހި، ކޮންޓްރެކްޓަރު އަމަލީ މަސައްކަތަށް ތައްޔާރުވެފައިވީ ނަމަވެސް، މަސައްކަތް މަޑުޖެހިފައިވަނީ ހަމައެކަނި ބިން ހުސްކޮށް ހަވާލުނުކޮށް އޮތުމުންނެވެ.

ލޯކަލް މާރުކޭޓް ހުރި ބިމުގައި ޒަމާނީ ފެންވަރަށް މި ތަން ތަރައްގީކުރުމުގެ މަސައްކަތް ނިމުނު މާޗު މަހުގެ 15 ވަނަ ދުވަހު ހަވާލުކޮށްފައިވަނީ 'ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ' އެވެ. ކުރިން 126 މިލިއަން ރުފިޔާއަށް ހަވާލުކުރި މި މަޝްރޫއުގެ އަގު މިހާރު ވަނީ 116 މިލިއަން ރުފިޔާއަށް ކުޑަކޮށްފައެވެ. ޖުމްލަ 600 ދުވަހުގެ ތެރޭގައި ނިންމަން އަމާޒުކޮށްފައިވާ މި މަޝްރޫއު ލަސްވާ ކޮންމެ ދުވަހަކީ މަޝްރޫއުގެ އަގު ބޮޑުވެ، ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތަކުން މަހުރޫމުވާނެ ދުވަހެއްކަން މިނިސްޓްރީން ފާހަގަކުރެއެވެ.

މި މަޝްރޫއުގެ ދަށުން ގާތްގަނޑަކަށް 85،000 އަކަފޫޓުގެ ޖާގައެއްގައި ހަ ފަންގިފިލާގެ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ބޭސްމަންޓް ޕާކިން އޭރިއާއަކާއި، ގްރައުންޑް ފްލޯގައި މަސް މާރުކޭޓެއްގެ އިތުރުން ފުރަތަމަ ތިން ފްލޯގައި ތަރުކާރީ މާރުކޭޓެއް އަދި ހަތަރުވަނަ ފްލޯގައި ފުޑްކޯޓެއް ގާއިމުކުރާނެއެވެ. ދެ އަހަރު ދުވަހުން އިމާރާތްކޮށް ނިންމުމަށް ހަމަޖެހިފައިވާއިރު، ފައިސާ އަނބުރާ ދެއްކުމަށް ކަނޑައަޅާފައިވަނީ 50 މަސްދުވަހަށް ބަހާލައިގެންނެވެ. ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންގެ މަންފާއަށްޓަކައި މި މަސައްކަތް ވީހާވެސް އަވަހަކަށް ފެށުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.