ރައީސްގެ މެންބަރަކަށް ހުންނެވި ޖޭއެސްސީގެ ނައިބު ރައީސް ޔަޒްމީދު މަގާމުން އިސްތިއުފާ ދެއްވައިފި

ރައީސްގެ މެންބަރަކަށް ހުންނެވި ޖޭއެސްސީގެ ނައިބު ރައީސް ޔަޒްމީދު މަގާމުން އިސްތިއުފާ ދެއްވައިފި

Author
އަހުމަދު
19 މެއި 2026 05:26
0

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްކަމާއި މެންބަރުކަމުން ޔަޒްމީދު މުހައްމަދު އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވިކަން ރައީސް އޮފީހަށް އަންގަވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ނަމަވެސް، މަގާމުން ދުރަށްވަޑައިގެންނެވި ވަކި ސަބަބެއް މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.

ޔަޒްމީދަކީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ޖޭއެސްސީއަށް އައްޔަންކުރެއްވި މެންބަރެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ 23 ފެބްރުއަރީ 2025 ގައެވެ. އަދި ކޮމިޝަނުގެ ނައިބު ރައީސްކަމާ އޭނާ ހަވާލުވެވަޑައިގަތީ، ކުރިން އެ މަގާމުގައި ހުންނެވި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޖުމްލަ 10 މެންބަރުންގެ މައްޗަށް އެކުލެވޭ ޖޭއެސްސީގައި ރައީސްގެ މެންބަރުގެ އިތުރުން ދެން ތިއްބަވަނީ ބަންޑާރަ ނައިބާއި، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސާއި، މަޖިލީހުގެ ރައީސާއި، މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، އާންމު ވަކީލުންގެ ތެރެއިން އިންތިހާބުކުރާ މެންބަރެއްގެ އިތުރުން ތިން މަރުހަލާގެ ކޯޓުތަކުން އިންތިހާބުކުރާ ތިން ފަނޑިޔާރުންނެވެ. މިވަގުތު އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.