ރައީސް މުއިއްޒުގެ މާލީ ބަޔާން އާންމުކުރައްވައިފި

ރައީސް މުއިއްޒުގެ މާލީ ބަޔާން އާންމުކުރައްވައިފި

Author
އަހުމަދު
19 މެއި 2026 05:20
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ މާލީ ބަޔާން އާންމުކުރައްވައިފިއެވެ.

އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި ރައީސަށް މުސާރައިގެ ގޮތުގައި 285،024 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. މީގެ އިތުރުން ހުޅުމާލޭގައި ހުންނަ ރޯހައުސްއަކުން ކުލީގެ ގޮތުގައި 240،000 ރުފިޔާ އަދި އާއިލާގެ ފަރާތުން ހަދިޔާކުރި ފައިސާގެ ގޮތުގައި މ. ފިގް އިން 180،000 ރުފިޔާ ލިބިވަޑައިގެންފައިވާކަމަށް ބަޔާނުގައިވެއެވެ. ރައީސްގެ ބޭންކް އެކައުންޓްތަކަށް ބަލާއިރު، ބީއެމްއެލް ކަރަންޓް އެކައުންޓުގައި 184،845.52 ރުފިޔާ އަދި ސޭވިންގްސް އެކައުންޓްގައި 1،701،470.44 ރުފިޔާ ހުރިއިރު، އެމްއައިބީގެ ސޭވިންގްސް އެކައުންޓެއްގައި 1،000 ރުފިޔާ އެބަހުއްޓެވެ. އަދި ލޯނާއި ދަރަނީގެ ގޮތުގައި އެމްއެފްއެލްސީއަށް 1،319،265.13 ރުފިޔާ ދައްކަންޖެހޭކަމަށްވެސް މާލީ ބަޔާނުން ދައްކައެވެ.

ރައީސްގެ އަނބިކަނބަލުން ސާޖިދާއަށް ފާއިތުވި ހަ މަސް ތެރޭގައި ފަސްޓް ލޭޑީގެ އެލަވަންސްގެ ގޮތުގައި 199،999.98 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. އޭގެ އިތުރުން ދިމްޔާތު ޕްރައިވެޓް ލިމިޓެޑުން މުސާރައިގެ ގޮތުގައި 78،000 ރުފިޔާ އާއި ހެލްތު މިނިސްޓްރީގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރައްވައިގެން 4،927 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ.

ގާނޫނު އަސާސީގެ 120 ވަނަ މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި ދަރަނި ހާމަކޮށް ކޮންމެ އަހަރަކު އޮޑިޓާ ޖެނެރަލަށް މާލީ ބަޔާނެއް ހުށަހެޅުމަކީ ލާޒިމުކަމެކެވެ. ރައީސް މުއިއްޒު މިވަނީ މި ގާނޫނީ ވާޖިބު އަދާކުރައްވައި، އެމަނިކުފާނުގެ މާލީ ހާލަތު ރައްޔިތުންނަށް ފެންނާނެހެން ހާމަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.