ޕީއެންސީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ ތިންބައިކުޅަ ދެބައި މެންބަރުންގެ ސޮއި ހަމަކުރައްވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤް (ސޯބެ)ގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ސޯބެ މަޖިލީހަށް އިންތިޚާބުކުރަން ބޭނުންވާ މައިގަނޑު ސަބަބަކީ މި ވެރިކަން ބަދަލުކުރުން ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ވެރިކަން ބަދަލުކުރާނެ ކަމަށާއި، އެކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވެސް ހުންނެވީ ވަރަށް ބޮޑަށް ތައްޔާރަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވަނީ ރައީސް މުޢިއްޒުގެ ސަރުކާރު މިހާރު ވެސް ފެއިލްވެފައިވާ ކަމަށާއި، ރައްޔިތުންގެ ކުރިމަތީގައި އިތުބާރު ގެއްލިފައިވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާއިރު، ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ މެންބަރުން ވެސް ޕާޓީ ބަދަލުކުރައްވައި އެ މައްސަލައިގައި ސޮއިކުރައްވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި މުޙައްމަދު ސިނާން (ސިނާ) އިސްލާމިކް ބޭންކުން ނެންގެވި 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުން ގޮނޑި ގެއްލިފައިވާ ކަމަށް މިދިޔަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ. އަންނަ މަހުގެ 6 ވަނަ ދުވަހު ބާއްވާ މި ބައި އިލެކްޝަންގައި ސޯބެއާ ވާދަކުރައްވަނީ ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ)އެވެ.
ކޮމެންޓު ފޮނުވާ