ދައުލަތުގެ ވިޔަފާރި ކުންފުނި، އެސްޓީއޯގެ ފާއިތުވި އަހަރުގެ ފައިދާއިން ހިއްސާއަކަށް 85 ރުފިޔާ ބެހުމަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ރޭ ފާސްކޮށްފިއެވެ. މިއީ އެ ކުންފުނީގެ ތާރީޚުގައި ވެސް ހިއްސާއަކަށް މިހާ ބޮޑު އަދަދެއް ބަހަން ނިންމި ފުރަތަމަ ފަހަރެވެ.
ޑުސިޓް ޑީ-2 ފޭދޫ މޯލްޑިވްސްގައި ބޭއްވި މި ޖަލްސާގައި ޖުމްލަ 263 ހިއްސާދާރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި އަމަލީގޮތުން ހާޒިރުވި 176 މީހުންނާއި ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވި 87 މީހުން ހިމެނޭއިރު، ފައިދާ ބަހަން ފާސްކުރީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އެސްޓީއޯއިން އާންމުންނަށް ހިއްސާ ވިއްކަން ފެށިތާ 25 އަހަރު ފުރޭ މި މުނާސަބަތާ ދިމާކޮށް ބަހަން ނިންމި މި އަދަދަކީ، އޭގެ ކުރީ އަހަރު ބެހި 80 ރުފިޔާއަށް ވުރެ 5 ރުފިޔާގެ ކުރިއެރުމެކެވެ. ފާއިތުވި އަހަރުތަކަށް ބަލާއިރު އެ ކުންފުނިން އަންނަނީ ކޮންމެ އަހަރަކުވެސް ހިއްސާގެ ފައިދާ ބަހާ މިންވަރު އިތުރުކުރަމުންނެވެ.
މިދިޔަ އަހަރަކީ އެސްޓީއޯއަށް މާލީ ގޮތުން ވަރަށް ކާމިޔާބު އަހަރެކެވެ. އެގޮތުން ކުންފުންޏަށް އާމްދަނީގެ ގޮތުގައި 15.55 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، ސާފު ފައިދާގެ ގޮތުގައި 763 މިލިޔަން ރުފިޔާ ވަނީ ހޯދާފައެވެ. ރޭގެ ޖަލްސާގައި ވަނީ ކުންފުނީގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓު ވެސް ފާސްކޮށްފައެވެ. މީގެ އިތުރުން، އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރަކަށް މުޙައްމަދު އަޙުސަން ސަލީމް އައްޔަންކޮށް، ކުރިއަށް އޮތް އަހަރުގެ އެކްސްޓާނަލް އޮޑިޓަރަކަށް އާނެސްޓް އެންޑް ޔަންގް ހަމަޖައްސައި އެ ފަރާތަށް އުޖޫރައެއްގެ ގޮތުގައި 1,009,800 ރުފިޔާ ދިނުމަށް ވެސް ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ