ވ. އަތޮޅުގައި ގެއްލުނު އިޓަލީގެ ފަތުރުވެރިންތަކެއް ހޯދުމުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވަނިކޮށް، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވުމަކީ މުޅި ގައުމަށާއި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ފުން ހިތާމައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް ސިފައިން ކުރިއަށްގެންދިޔަ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ކަނޑު އަޑިއަށް ފީނުމުގެ ތެރޭގައި މަހުދީގެ ހާލު ކުއްލިއަކަށް ދެރަވީއެވެ. އޭނާ ނިޔާވީ އެ ހާދިސާއާ ގުޅިގެން މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
މި ހިތްދަތި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، ގައުމީ ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވި ހިތްވަރުގަދަ ޑައިވަރަށް ޝަހީދެއްގެ ދަރަޖަ ދެއްވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުން އެދި މާތްﷲގެ ހަޟްރަތުގައި ދުއާދަންނަވާފައެވެ. އަދި މަރުހޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެން، އެ އާއިލާއަށާއި ގައުމީ ދިފާއީ ބާރަށް އެމަނިކުފާނު ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް ވަނީ ސޯޝަލް މީޑިއާ މެދުވެރިކުރައްވައި މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ