އަދަދު ނޫހުގެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރު އަދި މުހައްމަދު ޝަހްޒާން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކުރުމަށް އެދި ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
މި މައްސަލަ އިސްތިއުނާފުކޮށްފައިވަނީ، ކްރިމިނަލް ކޯޓުގެ ނިންމުމަކީ ގާނޫނުއަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ކަނޑައެޅިގެން ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބަޔާންކޮށެވެ.
އިސްތިއުނާފު ކުރި ސަބަބުތަކުގެ ތެރޭގައި، ކޯޓުތަކުން އަމިއްލައަށް އިސްނަގައިގެން މައްސަލަ ބެލުން މަނާކުރާ، ކޯޓުތަކުގެ ގާނޫނަށް ގެނައި 4 ވަނަ އިސްލާހާ ހިލާފަށް މައްސަލަ ކުރިއަށް ގެންގޮސްފައިވުން ހިމެނެއެވެ. ކޯޓުތަކުގެ ގާނޫނުގެ 71-1 ވަނަ މާއްދާއިން އަމިއްލައަށް އިސްނަގައިގެން މައްސަލަ ބެލުމުގެ ބާރު ކޯޓަށް ހަނިކޮށްފައިވާކަން އިސްތިއުނާފުގައި ފާހަގަކޮށްފައިވެއެވެ. އަދި ކްރިމިނަލް ކޯޓުން ބަރޯސާވެފައިވަނީ ގާނޫނީ ބާރަށްވުރެ ބޮޑަށް ގަވާއިދުތަކަށް ކަމަށާއި، އެހެންކަމުން އެ އިޖުރާއަތަކީ ގާނޫނާ ހިލާފު އިޖުރާއަތެއް ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން، ގާނޫނުލްއުގޫބާތުގެ 15 ވަނަ މާއްދާ އާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 212 ވަނަ މާއްދާ އާއި، ހެކީގެ ގާނޫނުގެ 139 ވަނަ މާއްދާއާ ހިލާފަށް، ހެކިތަކަށް އެކަށީގެންވާ ވަރަށް ރިއާޔަތްކުރުމެއް ނެތި ހުކުމް އިއްވާފައިވާ ކަމަށްވެސް އެ ފަރާތުން ފާހަގަކުރެއެވެ.
ގާނޫނުއަސާސީގެ 53 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގުން ލީވާން އާއި ޝަހްޒާން މަހުރޫމްކޮށްފައިވާ ކަމަށްވެސް އިސްތިއުނާފުގައި ބުނެފައިވެއެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ 10 ދުވަހުގެ މުއްދަތުގެ ބަދަލުގައި، ޝަރީއަތް ފެށުމުގެ ކުރިން ވަކީލަކު އައްޔަންކުރުމަށް ދީފައިވަނީ އެންމެ ދެ ގަޑިއިރުގެ ވަގުތުކޮޅެއް ކަމަށާއި، މިއީ އަސާސީ ހައްގަކުން އެމީހުން މަހުރޫމްކުރުން ކަމަށް ބުނެފައިވެއެވެ.
ހަމައެހެންމެ، އެ ހުކުމް އިއްވާފައިވަނީ ގާނޫނުލްއުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ކަމަށްވާއިރު، އެ މާއްދާގެ ދަށުން އެ ނޫސްވެރިންގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލާފައިނުވާ ކަމަށާއި ދިފާއުވުމަށް ފުރުސަތު ދީފައިނުވާކަންވެސް ފާހަގަކޮށްފައިވެއެވެ. ކޯޓުން އަމިއްލައަށް ތަހުގީގުކޮށް، ދައުވާކޮށް އަދި ހުކުމްކޮށްފައިވަނީ ގާއިމުކޮށްފައިވާ އަދުލު އިންސާފުގެ ނިޒާމުން ބޭރުން ކަމަށާއި، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު އޮންނަނީ ފުލުހުންނަށް ކަމަށާއި ދައުވާކުރުމުގެ ބާރު އޮންނަނީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ