މި ހަފުތާ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ވިއްސާރަކުރާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ސަމާލުވުމަށް އަންގައިފިއެވެ.
މެޓް އޮފީހުން މައުލޫމާތުދެއްވާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެއެވެ. މީގެ އިތުރުން ދެކުނުގެ އަތޮޅުތަކަށްވެސް ވައިގަދަވާނެކަމަށާއި، މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު ކުޑަވެ ވައި މަޑުވާން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވެފައިވާއިރު، ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މިއަދު ވަނީ ހުދު ސަމާލު ނެރެފައެވެ. މި ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެދާނެކަމަށް ލަފާކުރެވޭތީއާއި، ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އެދިވަޑައިގެންފައެވެ.
މެދުކެނޑުމެއްނެތި ވާރޭވެހުމުގެ ސަބަބުން މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ޕަންޕު ބޭނުންކޮށްގެން މަގުތަކުން ފެން ހިންދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުންނެވެ. ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ، ދަތުރުފަތުރުކުރައްވާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތައް ކަށަވަރުކުރުމަށް އެމްއެންޑީއެފުން ވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ