ފާއިތުވި ދުވަސްތަކުގައި ސަރުކާރުން ތަންފީޒުކުރި ހަރުދަނާ އިޤުތިޞާދީ ސިޔާސަތުތަކާއެކު، ޤައުމު ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތްކޮށް، ދަރަނީގެ ބޮޑު ބައެއް ދައްކައި ޚަލާޞްކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ޤައުމުގެ އިޤުތިޞާދު ބޮޑު އަނދަވަޅަކަށް ވައްޓާލާފައިވަނިކޮށް، ސަރުކާރުން ވެރިކަމާ ހަވާލުވެ ވަށާޖެހޭ ސިޔާސަތެއްގެ ދަށުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން، މިދިޔަ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ ދަރަނި ދައްކަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ސުކޫކުގެ ދަރަނި އަދާކުރުމަށް ދެއްކި 524 މިލިއަން ޑޮލަރު ހިމެނޭއިރު، އެ ފައިސާ ދެއްކުމާއެކު ރަހުނުކޮށްފައި ހުރި ޤައުމުގެ ހަރުމުދާތައް ސަލާމަތްކުރެވި، އަނބުރާ ރައްޔިތުންގެ އަތްމައްޗަށް ގެނެސްދެވިފައިވާކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، މިދިޔަ ސާޅީހަކަށް ދުވަހުގެ ތެރޭގައި 974 މިލިއަން ޑޮލަރު ދެއްކުމުގެ ބުރަ މަސައްކަތް ސަރުކާރުން ކުރީ ޤައުމުގެ މުސްތަޤުބަލަށްޓަކައެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކޮންމެ ރައްޔިތެއްގެ ބޮލުގައި އެޅިފައި އޮތް ދަރަނި އެތައް ތަނަކުން ލުއިވެ، ރައްޔިތުންނަށް އަތްފޯރާފަށުގައި މުދާ ލިބޭނެ މަގު އިތުރަށް ފުޅާވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ބަޔަކު ދައްކާ ވާހަކައަކުން މި ޙަޤީޤަތް ބަދަލުނުކުރެވޭނެކަމަށާއި، ދިވެހީންގެ ރާއްޖެ ގެނައުމަށްޓަކައި އިޤުތިޞާދު ކޮޅަށްޖެހުމަށް ކުރާ މަސައްކަތްތައް ވަރަށް ބޮޑަށް ކާމިޔާބުވަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިޤުތިޞާދުގެ އިތުރުން، ސަރުކާރުގެ ޚާރިޖީ ސިޔާސަތަށްވެސް ރައީސް އަލިއަޅުވާލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރާ ހަވާލުވިއިރު ވަކި އަތަކަށް ބުރަވެފައި އޮތް ޚާރިޖީ ސިޔާސަތު ބަދަލުކޮށް، މިހާރު ކަނޑައަޅައި ތަންފީޒުކުރަމުންދަނީ "މޯލްޑިވްސް ފަސްޓް" ސިޔާސަތު ކަމަށެވެ. އެމަނިކުފާނަށް އެންމެ މުހިންމީ ދިވެހި ރައްޔިތުންނާއި ޤައުމަށް ފައިދާވާ ގޮތް އިސްކުރުންކަން ފާހަގަކުރައްވައި، މިހާރު ރާއްޖޭގެ އެއްވެސް ހަތުރެއް ނެތްކަމަށް ވިދާޅުވިއެވެ. މިއަދު ރާއްޖެއަކީ ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލައިގެންފައިވާ، އަދި ހުރިހާ ޤައުމުތަކަކާވެސް އެކުވެރިކަމާއެކު މަސައްކަތްކުރާ ބަސްވިކޭ ޤައުމަކަށް ވެފައިވާކަމަށާއި، މިކަމުގެ ފޮނި ނަތީޖާ ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ