ކޯޓުން ނެރެފައިވާ އަމުރަކާ ޚިލާފުވި މައްސަލައެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ އެއްވެސް ޕްރެސް ކޮންފަރެންސަކަށް 'އަދަދު' ނޫހާއި އެ ނޫހުގެ ނޫސްވެރިންނަށް ނުވަދެވޭ ގޮތަށް އެ އޮފީހުން މިއަދު ނިންމައިފިއެވެ.
މި ފިޔަވަޅު އަޅާފައިވަނީ މިއަދު ހެނދުނު 10:00 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ. ކްރިމިނަލް ކޯޓުން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން އެ ކޯޓުން ނެރެފައިވާ ވާހަކަދެއްކުން މަނާކުރާ އަމުރު (ގޭގް އޯޑަރ) އާ ޚިލާފަށް، އަދަދު ނޫހުގެ ނޫސްވެރިޔާ މުޙައްމަދު ޝަހުޒާން ރައީސުލްޖުމްހޫރިއްޔާއާ ސުވާލުކުރުމާ ގުޅިގެން، ރައީސްގެ އެންގެވުމަށް އޭނާ ވަނީ ޕްރެސް ކޮންފަރެންސުން ނެރެފައެވެ. އެ ސުވާލާ ގުޅިގެން ރައީސް ވިދާޅުވީ ރައީސް އޮފީހުގައި "ރޫލް އޮފް ލޯ" ނުވަތަ ޤާނޫނުގެ ވެރިކަން ހިފެހެއްޓޭނެ ކަމަށާއި، އެމަނިކުފާނުގެ ބޮލުގައި އަޅުވަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު އިލްޒާމްތަކެއް ކަމަށެވެ.
ރައީސް އޮފީހުން ބުނެފައިވަނީ އަދަދު ނޫހަށް ހުއްދަ ދޫނުކުރަން ނިންމީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ގާނޫނުގައި ބަޔާންކުރާ މީޑިއާތަކުގެ ސުލޫކީ މިންގަނޑުތަކާއި ތެދު މަޢުލޫމާތު ހާމަކުރުމުގެ ޒިންމާއާ ޚިލާފުވެފައިވާތީ، ނޫސްވެރިންގެ ބައްދަލުވުންތަކުގައި ޢަމަލުކުރާނެ އުސޫލުގެ ދަށުން ކަމަށެވެ. އަދި އަދަދު ނޫހުގެ މީސްމީޑިއާގައި ދައުރުކުރި ވީޑިއޯއަކާ ގުޅޭ ޖިނާއީ މައްސަލައެއް ފުލުހުންނާއި މީޑިއާ ކޮމިޝަނުންވެސް އަންނަނީ ބަލަމުންނެވެ.
ކޯޓުގެ އަމުރަށް ބެލުމެއްނެތި މަނާކޮށްފައިވާ މައުޟޫޢަކާ ގުޅުވައިގެން ސުވާލުކުރި މައްސަލައިގައި، އަދަދު ނޫހުގެ ނޫސްވެރިޔާ ޝަހުޒާން ކޯޓަށް ހާޒިރުވުމަށްވެސް މިހާރު ވަނީ އަންގާފައެވެ. ރައީސް އޮފީހުން ބުނެފައިވަނީ އަދަދު ނޫހަށް ޕްރެސްތަކަށް ވަނުން މަނާކޮށްފައިވަނީ މި މައްސަލަތައް ހިނގަމުންދާ މުއްދަތުގެ ތެރޭގައި ކަމަށެވެ.
ކޮމެންޓު ފޮނުވާ