ކޯޓުގެ އަމުރާ ޚިލާފުވިކަމަށް ބުނެ 'އަދަދު' ގެ ދެ ނޫސްވެރިއަކު ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފި

ކޯޓުގެ އަމުރާ ޚިލާފުވިކަމަށް ބުނެ 'އަދަދު' ގެ ދެ ނޫސްވެރިއަކު ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފި

Author
އަހުމަދު
12 މެއި 2026 09:08
0

ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ގުޅޭގޮތުން 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ޚިލާފުވިކަމަށް ބުނެ، އެ ނޫހުގެ ދެ ނޫސްވެރިއަކު މާދަމާ ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.

ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ތުހުމަތުގައި ހާޒިރުވާން އަންގާފައިވަނީ ނޫސްވެރިޔާ މުހައްމަދު ޝަހްޒާން އަދި ލީވާން އަލީ ނާސިރަށެވެ. މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަހްޒާން ވަނީ ކޯޓު އަމުރާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. އެ ސުވާލު ކުރުމާ ގުޅިގެން އޭނާ ވަނީ އެ ބައްދަލުވުމުން ނެރެފައެވެ. ލީވާން ކޯޓަށް ހާޒިރުކުރަން ނިންމީ އެ ހާދިސާއާ ގުޅޭގޮތުން ޚަބަރު ލިޔެ ޝާއިއުކުރުމާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން ރޭ ނެރުނު އަމުރުގައި އަންގާފައިވަނީ، ދައުވާއާ ގުޅުންހުރި ޑޮކިއުމަންޓްރީ މުޖުތަމައުގައި ދައުރު ނުކުރުމަށާއި، އޭގައިވާ އެއްވެސް ވާހަކައެއް ސީދާކޮށް އަދި ނުސީދާކޮށްވެސް ނުދެއްކުމަށެވެ. އަދި އެ މައްސަލައިގައި ހިމެނޭ ހަސްމެއް ނުވަތަ ޝިކާރައަކަށްވީ މީހެއްގެ ވާހަކަވެސް ނުދެއްކުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން، މުޖުތަމައުގެ އަޚުލާގީ މިންގަނޑުތައް ހިފެހެއްޓުމަށްޓަކައި އެ މައްސަލައިގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށްގެންދާނެ ކަމަށާއި، ޝަރީއަތާ ގުޅުންހުރި ލިޔެކިޔުންތަކާއި މައުލޫމާތުތައް ނުފެތުރުމަށްވެސް ކޯޓުގެ އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.