މިއަހަރުގެ ފުރަތަމަ 4 މަހު ޑޮލަރުން ލިބުނު އާމްދަނީ 660 މިލިއަނަށް އަރައިފި

މިއަހަރުގެ ފުރަތަމަ 4 މަހު ޑޮލަރުން ލިބުނު އާމްދަނީ 660 މިލިއަނަށް އަރައިފި

Author
އަހުމަދު
12 މެއި 2026 09:07
0

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށް ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 660.8 މިލިއަން ޑޮލަރަށް އަރައިފިއެވެ. މިއީ ނިމިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި ޑޮލަރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 568.9 މިލިއަން ޑޮލަރެވެ. އެހެންކަމުން މިއަހަރު ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 16.1 އިންސައްތަ ނުވަތަ 91.9 މިލިއަން ޑޮލަރު އިތުރުވެފައެވެ.

ޑޮލަރުން ލިބުނު އާމްދަނީގެ ތަފުސީލަށް ބަލާއިރު، ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ވަދެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޖީއެސްޓީ (ޓީޖީއެސްޓީ) އިންނެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި އެކަނިވެސް 341 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. އޭގެ އިތުރުން، އިންކަމް ޓެކުހުގެ ގޮތުގައި 63.5 މިލިއަން ޑޮލަރު ލިބިފައިވާއިރު، ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގެ ބިމު ކުލީގެ ގޮތުގައި 46.4 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.

މި ފައިސާގެ އިތުރުންވެސް އެކިކަހަލަ ޓެކްސްތަކާއި ފީތަކުން ދައުލަތަށް ވަނީ ބޮޑު އާމްދަނީއެއް ލިބިފައެވެ. އޭގެ ތެރޭގައި، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު 59.8 މިލިއަން ޑޮލަރާއި، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު 50.8 މިލިއަން ޑޮލަރުގެ އިތުރުން ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު 50.2 މިލިއަން ޑޮލަރު ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.