ޙައްޖަށް ހޭދަކުރާ ފައިސާއަކީ ޙަލާލު އެއްޗަކަށް ހެދުމަށާއި، ދެއްކުންތެރިކަމުން ދުރުވުމަށް ޚުޠުބާގައި ގޮވާލައްވައިފި

ޙައްޖަށް ހޭދަކުރާ ފައިސާއަކީ ޙަލާލު އެއްޗަކަށް ހެދުމަށާއި، ދެއްކުންތެރިކަމުން ދުރުވުމަށް ޚުޠުބާގައި ގޮވާލައްވައިފި

Author
އަހުމަދު
08 މެއި 2026 02:25
0

މިއަދުގެ ހުކުރު ޚުޠުބާގައި، ޙައްޖުގެ މަތިވެރި އަޅުކަމަށް ހޭދަކުރާ ފައިސާއަކީ ޙަލާލު ފައިސާއަށް ހެދުމަށާއި، އެ އަޅުކަމަކީ އެއްވެސް ދެއްކުންތެރިކަމެއް ނެތް ޚާލިޞް އަޅުކަމަކަށް ހެދުމަށް މުސްލިމުންނަށް ވަރަށް ބޮޑަށް ނަސޭހަތްތެރިވެއްޖެއެވެ.

"ހެޔޮ ގޮތުގައި ވެވޭ ޙައްޖު" މި މައުޟޫޢުގެ މައްޗަށް ބިނާކޮށް އިއްވި މި ޚުޠުބާގައި ވަނީ، ޞިއްޙީ ގޮތުންނާއި މާލީ ގޮތުން ތަނަވަސްކަން ހުރި ފަރާތްތަކުން ވީހާވެސް އަވަހަކަށް މި ފަރުޟު އަދާކުރުމަށް ބާރުއަޅާފައެވެ. އަދި ޙައްޖުގެ ދަތުރު ފެށުމުގެ ކުރިން ތެދުވެރި ތައުބާއަކުން ފާފަފުއްސެވުމަށް އެދުމަށާއި، މީހުންނަށް ދޭންޖެހޭ ދަރަނިތައް އަދާކޮށް، ޙައްގުތައް ލިޔެ ރައްކާކުރުމަށް ވަނީ އިރުޝާދުދީފައެވެ. މީގެ އިތުރުން މުޅި ދަތުރަށް ކުރާ ޚަރަދަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ޙަލާލު މަގުން ހޯދާފައިވާ ފައިސާކަން ކަށަވަރުކުރުމަށް ތަކުރާރުކޮށް ވަނީ ހަނދާންކޮށްދީފައެވެ.

ކޮންމެ އަޅުކަމެއްވެސް މާތް ﷲ ގެ ޙަޟްރަތުގައި ޤަބޫލުވެވިގެންވަނީ ނިޔަތް ޚާލިޞްކޮށް، ދެއްކުންތެރިކަމުން ދުރުހެލިވެގެންކަން ފާހަގަކުރައްވައި، ޙައްޖުގެ މަނާސިކުތައް ކީރިތި ރަސޫލާގެ ސުންނަތާ އެއްގޮތަށް އަދާކުރުމަށް ޚުޠުބާގައި ގޮވާލިއެވެ. އަދި އެކަންކަމުގެ ޝަރުޢީ ހުކުމްތައް ދުރާލާ ދަސްކުރުމުގެ މުހިންމުކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ޚުޠުބާ ނިންމާލަމުން ބުނެފައިވަނީ، ޤަބޫލުވެވިގެންވާ މަބްރޫރު ޙައްޖެއްގެ ޖަޒާއަކީ ސުވަރުގެ ކަމަށާއި، އެފަދަ ޙައްޖެއް ލިބުނުކަމުގެ އެންމެ ބޮޑު ނިޝާނަކީ ޙައްޖުން އެނބުރި އައުމަށްފަހު މީހާގެ އުޅުމާއި އަޚުލާޤު ހެޔޮމަގަށް ބަދަލުވެ، މާތް ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވުންމަތީ ސާބިތުވެ ހުރުން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.