އީދު ބަންދުގެ ކުރިން އިންފުލުއެންޒާ ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފި

އީދު ބަންދުގެ ކުރިން އިންފުލުއެންޒާ ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފި

Author
އަހުމަދު
07 މެއި 2026 03:06
0

ރާއްޖޭގައި މި ދުވަސްވަރު އިންފުލުއެންޒާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ކުރިއަށް އޮތް އީދު ބަންދުގެ ދެ ހަފުތާ ކުރިން ވެކްސިން ޖެހުމަށް ސިއްހީ މާހިރުން އިލްތިމާސްކުރައްވައިފިއެވެ.

އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރު މުޙައްމަދު އަލީ މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، މި ދުވަސްވަރު މި ބަލިޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި ވެކްސިން ހަށިގަނޑުގައި މަސައްކަތްކުރަން ފެށުމަށް ދެ ހަފުތާވަރު ނަގާނެތީ، އީދު ބަންދުގެ ދަތުރުފަތުރުތައް ފެށުމުގެ ދެ ހަފުތާ ކުރިން ވެކްސިން ފުރިހަމަކުރުމަކީ ރައްކާތެރިކަމުގެ ގޮތުން ވަރަށް މުހިންމު ކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިންފްލުއެންޒާއަކީ އޭ، ބީ އަދި ސީ ގިންތީގެ ވައިރަސްތަކަކުން ޖެހޭ ނޭވާލާ ނިޒާމުގެ ބައްޔެކެވެ. މާލެ ސަރަހައްދުގައި މި ބައްޔާއި އަރިދަފުސް ރޯގާ އާދަޔާޚިލާފަށް ގިނަވަމުން އަންނާތީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ އާންމުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.

މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުމާއި، ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުމަށް ކަމާބެހޭ ފަރާތްތަކުން ލަފާދެއެވެ. މީގެ އިތުރުން، ކެއްސައި ކިނބިހިއަޅާއިރު އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާކުރުމަށާއި، ހުންއައިސް ރޯގާގެ އަލާމާތްތައް ތިން ދުވަހަށްވުރެ ދިގުލައިދާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފައާއި ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.