ފަތުރުވެރިކަމުގެ ސިނާއަތުން މިދިޔަ އަހަރު 670.8 މިލިއަން ޑޮލަރު ބޭންކްތަކަށް މާރުކޮށްފި

ފަތުރުވެރިކަމުގެ ސިނާއަތުން މިދިޔަ އަހަރު 670.8 މިލިއަން ޑޮލަރު ބޭންކްތަކަށް މާރުކޮށްފި

Author
އަހުމަދު
05 މެއި 2026 10:31
0

މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ބޭންކްތަކަށް 670.8 މިލިއަން އެމެރިކާ ޑޮލަރު މާރުކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، 2024 ވަނަ އަހަރު އަމަލުކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގަވާއިދާއި، އޭގެ ފަހުން ވުޖޫދުވި ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް އަމަލުކުރަން ފެށުމާއެކު، ރާއްޖޭގައި ހިންގާ 182 ރިސޯޓު ވަނީ އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައެވެ. ބޭންކުތަކަށް މާރުކުރި 670.8 މިލިއަން ޑޮލަރަކީ މި ރިސޯޓުތަކުން މާރުކުރި ފައިސާކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ބޭންކުތަކަށް މާރުކުރި ފައިސާގެ ތެރެއިން ގާތްގަނޑަކަށް 75 އިންސައްތަ ފައިސާ އެމްއެމްއޭއަށް މާރުކޮށްފައިވެއެވެ. މީގެ ސަބަބުން ދައުލަތުގެ ރިޒާވް އެއްވަރެއްގައި ހިފެހެއްޓުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ ކަމަށާއި، ބާޒާރަށް ބޭނުންވާ ބޭރު ފައިސާ މެދުނުކެނޑި ފޯރުކޮށްދިނުމުގެ ގާބިލުކަން އެ އޮތޯރިޓީއަށް ލިބިގެންދިޔަ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އެކި ބޭނުންތަކަށާއި ބޭންކުތަކަށް މިދިޔަ އަހަރު އެމްއެމްއޭއިން 1.1 ބިލިއަން ޑޮލަރު ވިއްކާފައިވާކަމަށް ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. މިއީ 2024 ވަނަ އަހަރު ވިއްކި މިންވަރާ އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.