އާސަންދައިގެ ބޮޑު ހޭދައެއް ބޭސްފިހާރަތަކަށް، ނަމަވެސް ބޭސް ލިބުމުގައި ބޮޑެތި ގޮންޖެހުންތަކެއް

އާސަންދައިގެ ބޮޑު ހޭދައެއް ބޭސްފިހާރަތަކަށް، ނަމަވެސް ބޭސް ލިބުމުގައި ބޮޑެތި ގޮންޖެހުންތަކެއް

Author
އަހުމަދު
05 މެއި 2026 03:26
0

އާސަންދަ ކުންފުނީގެ ޖުމްލަ ޚަރަދުގެ 60 އިންސައްތަ ބޭސްފިހާރަތަކަށް ހޭދަކުރި ނަމަވެސް، އާންމު ރައްޔިތުންނަށް ބޭސް ލިބުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒަސް ކޮމިޓީގައި ވާހަކަދައްކަވަމުން ޒީނިޔާ ވިދާޅުވީ، 800 އަށްވުރެ ގިނަ ފާމަސީ ރަޖިސްޓަރީކޮށް 3،000 އަށްވުރެ ގިނަ ބޭސް އާސަންދައިން ކަވަރުކުރާ ކަމަށެވެ. އެހެންނަމަވެސް ބޭސްސިޓީއަށް ބޭސް ނުލިބުމަކީ އާންމު ޝަކުވާއެކެވެ. މީގެ އިތުރުން، ބައެއް ބޭސްފިހާރަތަކުން 500 އިންސައްތައާ ގާތްކުރާ މިންވަރަށް ފައިދާ ނަގަމުންދާކަމާއި، ބަލިމީހާއަށް އަގުހެޔޮ ނުވަތަ ފެންވަރު ދަށް ބޭސް ދިނުމަށްފަހު އާސަންދައަށް އަގުބޮޑު ބޭހުގެ ބިލު ފޮނުވާފަދަ މަކަރާއި ހީލަތުގެ މައްސަލަތައް ފާހަގަކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ނުރަނގަޅު އަމަލުތައް ހުއްޓުވައި ނިޒާމު ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ ބަލްކު ޕްރޮކިއުމަންޓަކީ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ޒީނިޔާ ފާހަގަކުރެއްވިއެވެ. ބޭސް ލިބުމުގައި ހުރި އިތުރު މައްސަލަތަކުގެ ތެރޭގައި، ރާއްޖެއަށް އެތެރެނުކުރާ ގިނަ ބޭސްތަކެއް އެމްއެފްޑީއޭގެ ހުއްދަ ލިސްޓުގައި ހިމެނުމާއި، އަމިއްލަ ފަރާތްތަކުން ޕްރިސްކްރިޕްޝަނަށް ބޭސް އެތެރެކުރާ މިންވަރު އިތުރުވުމުގެ ސަބަބުން މާކެޓުގައި ބްރޭންޑުތައް އަވަސްއަވަހަށް ބަދަލުވުން ހިމެނެއެވެ. މީގެ ސަބަބުން ދާއިމީކޮށް ބޭސް ލިބެން ހުންނަކަން ކަށަވަރުކުރުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

އަސާސީ ބޭސްތައް ފާމަސީތަކުން ލިބެން ހުންނަންޖެހޭނެކަމަށް އުސޫލުގައި އޮތް ނަމަވެސް، އެކަން އެގޮތަށް ނުހިނގާތީ މިއީ ގައުމީ ފެންވަރެއްގައި ހޯދައި ހައްލުކުރަންޖެހިފައިވާ ބޮޑު މައްސަލައެއްކަމަށް ޒީނިޔާ ވަނީ ސިފަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.