ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

Author
އަހުމަދު
04 މެއި 2026 08:59
0

ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަގާމަށް ބޭފުޅަކު ހޯދުމަށް އެ އިދާރާއިން މިއަދު އިއުލާނުކޮށްފިއެވެ.

މި މަގާމު ހުސްވެފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި ސުޖާތާ ހަލީމް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭގެ ފަހުން މިހާތަނަށް އެ އިދާރާ ހިންގަމުން އައީ ސީއީއޯއެއް އައްޔަނުނުކޮށެވެ.

ޕެންޝަން އޮފީހުން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، ފަސް އަހަރު ދުވަހުގެ މުއްދަތަކަށް އައްޔަނުކުރާ މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި، މަސައްކަތާ ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު ސީނިއާ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 8 އަހަރުގެ ތަޖުރިބާ ހުރުން ހިމެނެއެވެ. ނުވަތަ ބެޗެލާސް ޑިގްރީއެއް ހާސިލުކޮށްފައިވާނަމަ، ސީނިއާ މެނޭޖްމަންޓްގައި މަދުވެގެން 10 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ޝަރުތުކޮށްފައިވެއެވެ.

މީގެ އިތުރުން، ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމުގައި ޕެންޝަން، ފައިނޭންސް، ސޯޝަލް ސެކިއުރިޓީ، އިންވެސްޓްމަންޓް، ގަވަރނަންސް އަދި ޕަބްލިކް ޕޮލިސީ ފަދަ ދާއިރާތަކުން އިސް ސަފުގައި މަސައްކަތްކޮށް ތަޖުރިބާ ހޯދާފައިވާ ފަރާތްތަކަށް ހާއްސަ އިސްކަމެއް ދޭނެކަމަށްވެސް އެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.