ރާއްޖޭގެ ވެރިކަމުން މީހުން ބާލަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދެއްވުމަށް 24 ގަޑިއިރު މަސައްކަތް ކުރައްވާނެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ކުރިއަށްދާ ކެމްޕެއިންގެ ތެރެއިން ދ. ކުޑަހުވަދޫގައި ބޭއްވި ބައްދަލުވުމެއްގައި އާންމު މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ވެރިކަން ހޯދައިދިނުމަށް ކުރައްވާނެ މަސައްކަތްޕުޅާ ގުޅޭގޮތުން މެންބަރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ޙަޔާތްޕުޅުގައި އެންމެ ފަރިތަކޮށް ކުރައްވަން އެނގިވަޑައިގަންނަވާ ކަމަކީ ވެރިކަމުން މީހުން ބޭލުން ކަމަށެވެ.
އެގޮތުން، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ 30 އަހަރުގެ ދިގު ވެރިކަމާއި، ހުރިހާ ބާރުތަކަކާއެކު އޮތް ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމުގައިވެސް ކާމިޔާބީ ހޯއްދަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެމްޑީޕީގެ އަމިއްލަ ވެރިކަމެއް ބަދަލުކުރުމުގެ ތުހުމަތުވެސް އެމަނިކުފާނުގެ މައްޗަށް ކުރެވޭކަން ފާހަގަކުރައްވައި، ނަޝީދު ވިދާޅުވީ މިހާރު އޮތް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުވެސް ބަދަލުކުރެވެން ޖެހޭނެ ކަމަށެވެ. އަދި އެކަން ކުރުމަށް އެމަނިކުފާނާ އެއްވަރަކަށް މަސައްކަތްކުރާނެ އެހެން މީހަކު ނުހުންނާނެ މިންވަރަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.
ރައީސް މައުމޫނާއި ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށްފަހު އެމްޑީޕީން ވެރިކަން ކޮށްފައިވާއިރު، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ބައިބައިވެ، ވެރިކަން ގެއްލުމުގެ މައިގަނޑު ސަބަބަކީ ނަޝީދު އިސްވެ ހުންނަވައި އިދިކޮޅުގައި ކުރެއްވި މަސައްކަތްޕުޅުތައް ކަމަށް އޭރު އެ ޕާޓީން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް، ކުރިއަށް އޮތްތަނުގައި ޕާޓީއަށް ކާމިޔާބީ ހޯދައިދިނުމަށް ފުރިހަމައަށް މަސައްކަތްކުރައްވާނެކަން ނަޝީދު މިވަނީ ހާމަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ