އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް އެ ޕާޓީ އެންމެ އެކަށީގެންވާ ގޮތެއްގައި ހިންގިފައި ނުވާކަމަށް ޕާޓީގެ އާންމު މެމްބަރުން ބުނަމުންދާ ކަމަށް، ކުރިއަށް އޮތް ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއީލް މި ފާޑުކިޔުންތައް އަމާޒުކުރައްވާފައި މިވަނީ، ޕާޓީގައި ފައިސާ ނެތްކަމަށް ބުނެ އެތެރޭގެ އިންތިހާބު ފަސްކުރުމަށް ވަގުތީ ޗެއާޕާސަން އެދިވަޑައިގަތުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން ޕާޓީގެ މާލީ ހިސާބުތައް ހާމަކުރުމަށް މީކާއީލް ގޮވާލެއްވުމުން، ފައްޔާޒު ވަނީ ޕާޓީގެ އޮޑިޓް ރިޕޯޓްތައް ބެއްލެވުމަށް އެދިވަޑައިގެން ލިންކެއް ހިއްސާކުރައްވާފައެވެ.
ފައްޔާޒުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން މީކާއީލް ވިދާޅުވީ، ކޮންމެ އަހަރަކު ނެރޭ އޮޑިޓް ރިޕޯޓަކުން އެކަނި މާލީ ކަންކަން ސާފުނުވާ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ޕާޓީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުން، އެ އަހަރާއި އޭގެ ކުރީ އަހަރު މުސާރައާއި އިނާޔަތްތަކަށް އެކަނިވެސް 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އެހެންކަމުން އެ ފައިސާ ހަރަދުކުރެވުނު ގޮތުގެ ތަފްސީލާއި، ޕާޓީގެ ހަރުމުދަލުގެ މައުލޫމާތު އާންމު މެންބަރުންނަށް އެނގެން ޖެހޭނެކަމަށް މީކާއީލް ވިދާޅުވިއެވެ.
ޕާޓީ ހިންގާ ނުލެވުނު ކަމަށާއި ޕާޓީގެ ހިންގުން ބަދަލުކުރަން ޖެހޭކަމަށް އާންމު މެންބަރުން ގޮވާލަމުންދާކަން މީކާއީލް ވަނީ ތަކުރާރުކުރައްވާފައެވެ.
އަންނަ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، މި އިންތިހާބުގައި މީކާއިލްއާ ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ކޮމެންޓު ފޮނުވާ