ތާރީޚީ ބޮޑު ފައިދާއަކާއެކު އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 16 އަށް ތާވަލުކޮށްފި

ތާރީޚީ ބޮޑު ފައިދާއަކާއެކު އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 16 އަށް ތާވަލުކޮށްފި

Author
އަހުމަދު
01 މެއި 2026 03:13
0

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ބާއްވަން އެ ކުންފުނިން ނިންމައިފިއެވެ.

ޑުސިޓް ޑީ-2 ފޭދޫ މޯލްޑިވްސްގެ ފޭދޫ ހޯލުގައި ހޮނިހިރު ދުވަހުގެ ރޭ 21:00 ގައި ފަށާ މި ޖަލްސާގައި އޮންލައިންކޮށް މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށްވެސް ބައިވެރިވެވޭނެއެވެ. ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް އެސްޓީއޯއިން ވަނީ އަންގާފައެވެ.

މިފަހަރުގެ ޖަލްސާގައި އެންމެ މުހިންމު އެއް ކަމަކަށް އޮންނާނީ ހިއްސާގެ ފައިދާ ބެހުމަށް ފާސްކުރުމެވެ. އެގޮތުން ހިއްސާއަކަށް 85 ރުފިޔާ ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާއިރު، މިއީ ފާއިތުވި 18 އަހަރު ތެރޭގައި އެކުންފުނިން ހިއްސާގެ ފައިދާ ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ. މިދިޔަ 2024 ވަނަ އަހަރު ބަހާފައިވަނީ ހިއްސާއަކަށް 80 ރުފިޔާއެވެ. ހިއްސާގެ ފައިދާ ލިބޭނީ އޭޕްރީލް 27 ގެ ނިޔަލަށް ކުންފުނީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މީގެ އިތުރުން މިއަހަރުގެ ޖަލްސާގައި 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި، އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ފާސްކުރުމަށް ވޯޓަށް އެހުން އޮންނާނެއެވެ. މި ރިޕޯޓުތައް އޭޕްރީލް 30 ވަނަ ދުވަހު ކުންފުނީގެ ވެބްސައިޓުގައި އާންމުކޮށްފައިވާއިރު، ސުވާލެއް އޮތްނަމަ ހިއްސާދާރުންގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ޖަލްސާގައި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް މެންބަރަކު އިންތިޚާބު ކުރުމަށް ވޯޓުލުންވެސް ކުރިއަށްދާނެއެވެ. ސަރުކާރު ތަމްސީލުކުރާ 6 މެންބަރުންނަށް ބަދަލެއް ގެނެސްފައިނުވާއިރު، އާންމު ހިއްސާދާރުންގެ ގޮނޑިއަށް ދެ ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. ހަމައެހެންމެ، ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އޮޑިޓަރުން ކަނޑައަޅައި އުޖޫރަ ހަމަޖެއްސުމާއި، އަލަށް އެކުލަވާލި ކުންފުނީގެ ގާނޫނާ އެއްގޮތަށް ހިންގާ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ފާސްކުރުންވެސް މި ޖަލްސާގެ އެޖެންޑާގައި ވަނީ ހިމަނާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.