އެއާލައިންތަކަށް ލުޔެއް ދިނުމުގެ ގޮތުން އެމްއޭސީއެލްއިން ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި

އެއާލައިންތަކަށް ލުޔެއް ދިނުމުގެ ގޮތުން އެމްއޭސީއެލްއިން ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި

Author
އަހުމަދު
30 އޭޕްރިލް 2026 12:30
0

ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކަށް ލުއިފަސޭހަކޮށްދިނުމުގެ މަގުސަދުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވިއްކާ ޖެޓް ފިއުލްގެ އަގު އެމްއޭސީއެލްއިން ހެޔޮކޮށްފިއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އުފައްދާފައިވާ ކްރައިސިސް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް އަދި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އެއާލައިންތަކަށް ދިމާވާ ދަތިތަކުގެ ޝަކުވާ ލިބެމުންދާތީ އެކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން އެމްއޭސީއެލްއާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. މި މަޝްވަރާތަކަށްފަހު، މިދިޔަ ހުކުރު ދުވަހުން ފެށިގެން ޖެޓް ފިއުލް ލީޓަރަކުން ވަނީ 25 ސެންޓް (0.25 ޑޮލަރު) އަގުހެޔޮކޮށްފައެވެ.

ދުނިޔޭގެ ބާޒާރުގައި ތެޔޮ އަގުބޮޑުވުމާ ގުޅިގެން މިދިޔަ މަހު އެމްއޭސީއެލްއިން ވަނީ 1.19 ޑޮލަރަށް ވިއްކަމުންދިޔަ ޖެޓް ފިއުލް ލީޓަރެއްގެ އަގު 1.69 ޑޮލަރަށް ބޮޑުކޮށްފައެވެ. ނަމަވެސް އަލަށް ގެނައި މި ލުޔާއެކު، މިހާރު ޖެޓް ފިއުލް ލީޓަރެއް އެއާލައިންތަކަށް ވިއްކާނީ 1.44 ޑޮލަރަށެވެ.

މިނިސްޓަރު އަމީން ފާހަގަކުރެއްވި ގޮތުގައި ތެލުގެ އަގަށް ގެނެވުނު މި ހެޔޮ ބަދަލާއެކު، ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ބައެއް އެއާލައިންތަކުން މިހާރުވެސް ވަނީ ނިންމާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު އެއާލައިންތަކުންވެސް ދަތުރުތައް އިތުރުކުރާނެ ކަމުގެ އުންމީދު ބޮޑުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.